މަރަދޫ ބަޔަކު މަރަދޫފޭދޫއާ ދެކޮޅަށް އަޑު އުފުލައިފި
މަރަދޫގެ ބައެއް މީހުން ބުނަނީ ރަށްވެހިކަން ގެއްލޭ ކަމަށް ބުނެ، އަވަށް ހެދުމާ ދެކޮޅަށް ނިކުމެ މަސައްކަތްކުރާ ނަމަ، “މަރަދޫފޭދޫ”ގައި އުޅޭ މީހުން ޖެނުއަރީ 1 އިން ފެށިގެން އެތަނުގައި އުޅެން ޖެހޭނީ ކުލި ދައްކައިގެން ކަމަށެވެ. އައްޑޫ ސިޓީއަކަށް ބަދަލުވުމާ އެކު ރަށްތައް އަވަށްތަކަކަށް ބަދަލުވެފައިވާ ކަމަށާއި އައްޑޫގައި މިހާރު އޮތީ ހަތަރު އަވަށް ކަމަށް ނިންމައި، ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި މަރަދޫފޭދޫގެ ނަން އައްޑޫ ސިޓީ ކައުންސިލުން ފޮހެލަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަންތަކެއް ކަމާ ބެހޭ ބައެއް ފަރާތްތަކަށް މަރަދޫފޭދޫ ރައްޔިތުން ހުށަހަޅާފައި ވަނިކޮށް އެކަމާ ދެކޮޅަށް މަރަދޫ ބަޔަކު މިއަދު އަޑު އުފުލައިފި އެވެ. މިއަދު ހަވީރު މަރަދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް ސޯޝަލް ސާވިސް ކައިރި އަށް އެއްވި ބައެއް މީހުން ބުނެފައި ވަނީ މަރަދުފޭދޫ ކިޔާ ރަށެއް ނެތް ކަމަށެވެ. އަދި އައިޑެންޓިޓީ ގެއްލޭ ކަމަށް ބުނެ މަރަދޫގެ އެއްބައިގައި އުޅޭ މީހުން ވަކިވެގަންނަން މަސައްކަތްކުރާ ކަމަށް އަޑު އުފުލި މީހުން ބުންޏެވެ. “މިއީ އައްޑޫ ސިޓީގެ މަރަދޫ އަވަށް. މި އަވަށުގެ ތެރޭގައި އެހެން އަވަށެއް ވެސް އަދި އެހެން ރަށެއް ވެސް ނެހެދޭނެ. މިރަށުގެ އެއްބައިގައި އުޅޭ ބައެއް މީހުން ރަށްވެހިކަން ގެއްލޭ ކަމަށް ބުނެ ތަންތަނަށް ޕެޓިޝަނާ އެއްޗެހި ހުށަހަޅައިގެން އުޅޭ އިރު އެ މީހުންނަކަށް ނޭނގެއޭ މި އުޅެވެނީ މަރަދޫގެ އެއްބައިގައި ކަމެއް،” މަރަދޫފޭދޫ މީހުންނާ ދެކޮޅަށް އަޑު އުފުލި މީހަކު ބުންޏެވެ. “އެކަން ކުރުމަށް އަހަރެމެން ފުރުސަތެއް ނުދޭނަން. އެހެންވެ ވަކިވެގަންނަން އެ ކުރާ މަސައްކަތް ހުއްޓާލުމަށް އަހަރެމެން އެ މީހުންނަށް ގޮވާލަން. އޭރުން އަހަރެމެން ވެސް އެކަމަކާ ދެކޮޅަށް ތަންތަނަށް އެއްވެ އަޑު އުފުލާކަށް ނުނިކުންނާނަން.” މިކަމާ ދެކޮޅަށް ނިކުތް އެހެން މީހަކު ބުނީ “ވަކިވެގަންނަން އުޅޭ” މީހުން ތިބީ މަރަދޫގެ އެއްބައިގައި ކަމަށާއި އެއީ މަރަދޫގެ ބިން ކަމަށެވެ. އެހެންވެ ރަށްވެހިކަން ގެއްލޭ ކަމަށް ބުނެ، އަވަށް ހެދުމާ ދެކޮޅަށް ނިކުމެ މަސައްކަތްކުރާ ނަމަ، އެތަނުގައި އުޅޭ މީހުން ޖެނުއަރީ 1 އިން ފެށިގެން އެތަނުގައި އުޅެން ޖެހޭނީ ކުލި ދައްކައިގެން ކަމަށް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލުގައި ވެސް މަރަދޫ/މަރަދޫފޭދޫ ދާއިރާ ތަމްސީލްކުރައްވަނީ އެންމެ މެމްބަރަކު ކަމަށެވެ. “އެހެންވެ މީގައި ހަމަނުޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ވަކި ނަމެއް އޮންނަން އެ މީހުން ބޭނުންވާ އިރު މަޖިލީހުގައި ވެސް ކައުންސިލުގައި ވެސް މި ދާއިރާ ތަމްސީލްކުރައްވަނީ މަރަދޫގެ ނަމުގައި،” އޭނާ ބުންޏެވެ. “އެހެންވެ މިއީ އެއްވެސް ދެކޮޅު ޖެހޭ ކަމެއް ނޫން. ބަޔަކު ވަކިވެ ގަންނަން ކުރާ ބޭކާރު މަސައްކަތެއް މިއީ. އަހަރެމެން އެކަން ވިޔަކަ ނުދޭނަން.” އައްޑޫ ސިޓީގެ ހަތަރު އަވަށުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުމީދޫ އަވަށެވެ. މީގެ ތެރެއިން މަރަދޫ އަވަށް ނިސްބަތް ކުރަނީ މަރަދޫފޭދޫ ވެސް ލައިގެންނެވެ. އަދި އެކަން އެގޮތަށް ނިންމައި އެކަން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކައުންސިލުން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ހުށަހަޅައިފަ އެވެ. އަދި އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ރަސްމީކޮށް ގެޒެޓްކޮށް ނިންމާނީ އެލްޖީއޭ އިން ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ނިންމީ މަރަދޫ އާއި މަރަދޫފޭދޫގެ ޖިއޮގްރަފިކަލް ބައުންޑަރީ އަށް ވެސް ރިއާޔަށް ކުރުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ދެ ނަމުން ނިސްބަތް ކުރިއަސް އެއްފަސްކޮށް ގުޅިފައި އޮތް ސަރަހައްދުގެ ރަސްމީ ނަމަކީ ވެސް “މަރަދޫ” ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އަދި އެއްފަސްކޮށް ގުޅިފައި އޮތް ނަމަވެސް ކުރިން ދެ ރަށުގެ ގޮތުގައި ބަލަމުން ދިޔަ ހުޅުދޫ އާއި މީދޫ ވެސް އެއް އަވަށެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އެ އުސޫލުގެ ދަށުން ކަމަށް ކައުންސިލުން ބުންޏެވެ. މިކަމާ ގުޅިގެން 1،800 އެއްހާ މީހުންގެ އާބަދީއެއް އޮތް މަރަދޫފެދޫގެ ރައްޔިތުން ވަނީ 670 އަށް ވުރެ ގިނަ މީހުން އެކަމާ ދެކޮޅަށް ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް ނަޝީދަށާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެލްޖީއޭ އަށް ހުށަހަޅައިފަ އެވެ. އަދި އެ ރަށުގެ ރައްޔިތަކު ވަނީ އެ މައްސަލަ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އަދި މިކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މަރަދޫފޭދޫ ރައްޔިތުން ބުނެ އެވެ. މަރަދޫފޭދޫ ރައްޔިތުން ބުނަނީ މިފަދަ ހާދިސާތަކެއް މީގެ ކުރިން ވެސް އެ ރަށުގެ ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ހިތާމަތައް ވެސް އަދި ފިލައި ނުދާ އެތައް ބަޔަކު އެ ރަށުގައި މިހާރު ވެސް އެބަތިބި ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގަން އިނގިރޭސީންނަށް ދޭން އޭރުގެ ސަރުކާރުން ނިންމުމާ ގުޅިގެން، އޭރުގެ ގަމުގައި އުޅުނު ރައްޔިތުން (މިހާރު ފޭދޫގެ ރައްޔިތުން) ފޭދު އަށް ބަދަލުކުރަން ނިންމައި ފޭދޫގައި އޭރު ދިރިއުޅެމުން ދިޔަ މީހުން (މިހާރުގެ މަރަދޫފޭދޫގެ ރައްޔިތުން) ފޭދޫން ބޭލުމަކީ ފިލައިގެން ނުދާނޭ ފަދަ ހިތި ތަޖުރިބާއެއް ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެގޮތަށް އެ ބަދަލު ގެނައުމަށް ފަހު މިހާރު މަރަދޫ ގޮތުގައި ބަލަމުން އަންނަ ބަޔަށް “މަރަދޫފޭދޫ” ގެ ނަން ދީފައި ވަނީ 1994 ވަނަ އަހަރުގެ ތެރޭގަ އެވެ.
(Source: haveeru.com.mv)