އިހުގެ ވާހަކަތަކުގެ ތެރެއިން އޮޑިތާން ކަލޭގެ
އިހުގައި ޓީވީ އާއި ރޭޑިއޯ ވެސް ރާއްޖޭގައި ނުހުންނަ އިރު، ފޫހިފިލުވުމުގެ ގޮތުން ކުރެވޭ އެއް ކަމަކީ ވާހަކަ ކިޔުއްވުމެވެ. ޚިތާނުކޮށްގެން އުޅޭއިރު އާއި އަދި އެހެނިހެން ގޮތުން ވެސް ދުވަސް ކުރުކޮށްލަން ބޭނުންވެގެން، ނުވަތަ ފޫހިފިލުވާލުމަށްޓަކައި، ޝައުޤުވެރިވާ ކަހަލަ ވާހަކަ ކިޔާ މީހުން ގެނެސްގެން، ވާހަކަ ކިޔުއްވުމަކީ އިހުގައި ޢާއްމު ކަމެކެވެ. މިހެން ކިޔައިއުޅުނު ފޯކްލޯގެ ވާހަކަތަކުގެ ތެރެއިން، “އޮޑިތާން ކަލޭގެ” ގެ ވާހަކަތައް އިހުގައި ގިނައިން ކިޔައިއުޅުނެވެ. މީނާއާ ގުޅޭ އެތައް ވާހަކައެއް ހުރެ އެވެ. މޮޅަށް ވާހަކަކިޔާ މީހުން ގޭގެއަށް ގެންގޮސްގެން ވާހަކަ ކިޔުއްވާ އުޅުނު އިރު، އޮޑިތާން ކަލޭގެއާ ބެހޭ ވާހަކަތަކަށް ޝައުޤުވެރިކަމާ އެކު މީހުން އަޑުއަހައިއުޅުނެވެ. މި ލިޔުމުގައި މީގެ ތެރެއިން ދެތިން ވާހަކައެއް އަޅުގަނޑު ހިމަނާލަމެވެ. މިފަދަ ކޮންމެ ވާހަކައެއްގެ ވެސް އޭގެ ތަފާތު ވާޝަންތައް ހުރެ އެވެ. އެކި ގޮތްގޮތަށް ރާއްޖޭގެ އެކި ހިސާބުގައި ކިޔައިއުޅުނު ވާހަކަ އެވެ. މިލިޔުމުގައި މިވަނީ، މަރުޙޫމް ޙަސަން އަޙްމަދު މަނިކު ލިޔުއްވި، ވަނަވަރު 1 “ދެވި” މި ފޮތުން ނަގާފައިވާ މަޢުލޫމާތެވެ.
ފުރަތަމަ ވާހަކައިގައި ބުނާ ގޮތުގައި އޮޑިތާން ކަލޭގެ އަކީ، ވަރަށް ރަނގަޅު ޢިލްމުވެރި މީހެކެވެ. މީނާ ދިރިއުޅުނީ ހައްދުންމަތީގެ ޖަޒީރާއެއްގަ އެވެ. އިނދެގެން އުޅުނީ ވަރަށް ރީތި އަންހެންކާ އެވެ. ނަމަވެސް އޮޑިތާން ކަލޭގެއަށް ނޭނގި، މީނާގެ އަންހެނުން ވަރަށް ނުބައި ކަންތައްތައް ކޮށްއުޅުނެވެ. އެއްދުވަހަކު އޮޑިތާން ކަލޭގެ ގާތުގައި މީހަކު މިވާހަކަތައް ކިޔައިދީފި އެވެ. ނަމަވެސް އޭނާ މި ވާހަކަތައް ޤަބޫލެއް ނުކުރި އެވެ. އޮޑިތާން ކަލޭގެ ގާތުގައި މި ވާހަކަތައް ކިޔައިދިނީ ފަންޑިތަވެރިކަމަށް އަރައިހުރި މީހެކެވެ. އޭނާ އޮޑިތާން ކަލޭގެއަށް ނަސޭހަތްދިނީ، ކަޅުފޮއި ރެޔަކު، ހޭލާ ހުރެގެން އޭނާގެ އަންހެނުން ކުރާ ކަންތައްތައް ބެލުމަށް އެދުނެވެ. އޮޑިތާން ކަލޭގެ ކަންތައް ކުރީ އޭނާގެ ރަޙްމަތްތެރިޔާ ބުނި ގޮތަށެވެ.
އެރޭ މީހުން ނިދާހާއިރު ވުމުން އޮޑިތާންކަލޭގެ އަންހެނުން ސިއްރުސިއްރުން ގެއިން ނިކުމެއްޖެ އެވެ. އޮޑިތާން ކަލޭގެ ވެސް ސިއްރުން އޭނާގެ ފަހަތުން ދިޔަ އެވެ. އަންހެންމީހާ ދިޔައީ، ރަށުން ބޭރަށް ނިކުމެފައި އޮންނަ ތުނޑިއަކަށެވެ. އެ ތާނގައި އޭނާ ފަންޑިތައިގެ ގޮވެލިފައްޗެއް ގޮވަމުން ނަށަން ފަށައިފި އެވެ. މިގޮތަށް މިކަންތައް ކުރަން ފެށުމާ އެކު، މީނާ އިސްކޮޅުން ދިގުވާން ފަށައިފި އެވެ. ދިގުވަމުން ދިގުވަމުން ގޮސް، މީނާގެ ބޯ، ވިލާތަކުގައި ޖެހިއްޖެ އެވެ. ދެން މީނާ އެ ހިސާބުގައި ހުރި، މީހުންއުޅޭ އެހެން ރަށްރަށާ ދިމާއަށް ގުދުވެގެން، އެރަށްރަށުން މީހުން މަރައި ލޭބޯން ފަށައިފި އެވެ. އޮޑިތާން ކަލޭގެ އަވަހަށް އަލިފާންގަނޑެއް ރޯކޮށްފައި، އޭނާގެ އަންހެނުންގެ ފައިދޮށަށް އަނގުރުތައް އުކަން ފެށި އެވެ. ހަމަ ކުއްލިއަކަށް އެ ނުލަފާ އަންހެންމީހާ އޭނާގެ އާދައިގެ އިސްކޮޅަށް ކުޑަވެއްޖެ އެވެ. އަދި އޮޑިތާން ކަލޭގެއާ ދިމާއަށް ގަދައަށް ރުޅިއައިސްފައި ބަލައިލި އެވެ. އޮޑިތާން ކަލޭގެ ދުނިޔެއިން ނައްތައިލުމަށްޓަކައި، އޭނާގެ އަންހެނުން ފަންޑިތައިގެ ގޮވެލިތަކެއް ކިޔަން ފަށައިފި އެވެ. އޮޑިތާން ކަލޭގެއަކީ ވެސް ފަންޑިތައިގެ ބޭކަލެއް ކަމަށް ވާތީ، އޭނާވެސް އެ ކަންތަކުން ރައްކާތެރިވާން ފަންޑިތައެއްގެ އެހީ ހޯދުމަށް ކިޔަވަން ފަށައިފި އެވެ. ނަމަވެސް އޭނާގެ އަންހެނުން، އޭނާއަށް ވުރެ ފަންޑިތައަށް މާ މޮޅެވެ.
މިކަން އެނގިގެން އޮޑިތާން ކަލޭގެ ދުއްވައިގަތީ އޭނާގެ ގެއަށެވެ. ނަމަވެސް މިގޮތުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. އޭނާ ދެން ދުވުނީ ދޯންޏަކާ ދިމާއަށެވެ. ނަމަވެސް އެގޮތުން ވެސް ސަލާމަތެއް ނުވެވުނެވެ. އޭނާގެ ނުލަފާ އަންހެނުން ގެ އާއި ދޯނީގައި އަލިފާން ރޯކޮށްލައިފި އެވެ. އެރަށުން ފުރައިގެންދެވޭނެ މަގެއް ހޯދަން އޮޑިތާން ކަލޭގެ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެއްވެސް މަގެއް ނުފެނުނެވެ. އެންމެ ފަހުން އޭނާއަށް ފެނުނީ ކަޅުހިލަ ދައެކެވެ. އޭނާގެ ފަންޑިތަވެރިކަމުން މި ކަޅުހިލަދައި ފެންމަތީގައި އޮންނާނެ ގޮތް ހަދައިފި އެވެ. ދެން، ދޮންދޫންޏެއްގެ ފިޔަ ހޯދައިގެން އެ ފިޔަ ރިޔަލަކަށް ބޭނުން ކޮށްގެން، ކަލުހިލަދައި މަތީގައި އޭނާ ފުރައިފި އެވެ. މިތަން އޭނާގެ އަންހެނުންނަށް ފެނުމާ އެކު، އޭނާގެ ހުރިއްޔާ ހުރި ފަންޑިތަވެރިކަމެއްގެ ބާރު އެއްކޮށްފައި، ފިސާރި ބޮޑު ތިން ރާޅު އޭނާގެ ފިރިކަލޭގެ ފަހަތުން ފޮނުވާލި އެވެ. އޮޑިތާން ކަލޭގެ އޭނާގެ ކަޅު ހިލަ ދައިގައި ވަރަށް ބާރަށް ދަތުރުކޮށް ކުރިމަތީން ރަށެއް ފެނުމުން އެ ރަށާއި ދިމާލަށް މިޞްރާބު ޖެއްސެވެ. އެރަށުގެ ތޮށިގަނޑު މައްޗަށް އެ ތިން ރާޅު ބިންދާލީ، އޮޑިތާން ކަލޭގެއަށް ހަމަ ކިރިޔާ ރަށުގެ ގޮނޑުދޮށަށް ކަޅުހިލަ ދައި ބީއްސާލެވުނު ތަނާ އެވެ. އޭނާއަށް ސަލާމަތް ވެވުނީ އެވެ.
އޮޑިތާން ކަލޭގެ އޭނާގެ ކަޅުހިލަ ދައި ބީއްސާލީ، ހައްދުންމަތީގައި އޮންނަ، ގޮލާކަން ކިޔާ ހިސާބަށެވެ. މިއަދާ ހަމައަށް ވެސް އެއީ ބޮޑެތި ރާޅުޖަހާ ހިސާބެކެވެ. އަދި މިރާޅުތައް އަންނަނީ ވެސް ތިން ރާޅުގެ ބައިބައަށް ކަމަށް ބުނެވެ އެވެ. ބުނެވޭ ގޮތުގައި، މިތާނގައި އަބަދުވެސް ތިން ރާޅު އުފެދި، ތިން ރާޅު ބިންދާލާނެ އެވެ.
ދިވެހިރާއްޖޭގެ އުތުރުގެ ރަށްރަށުގައި އޮޑިތާން ކަލޭގެ އެހެން ވާހަކައެއް ވެސް ކިޔައި އުޅެ އެވެ. މިވާހަކައިގައި ބުނާ ގޮތުގައި، އެއްފަހަރަކު އޮޑިތާން ކަލޭގެއަށް ކޮޅުނބަށް ދާން ދަޢުވަތެއް ލިބުނެވެ. މީނާއަށް އެ ރަށަށް ދިޔުމަށް އަންގަނީ، ކޮޅުނބުގައި މާ ގިނައިން މީހުން މަރުވާތީ އެވެ. އޮޑިތާން ކަލޭގެއަށް ކޮޅުނބުގެ ބަނދަރުމަތީން، މިކަންތައް ކުރަމުންގެންދިޔަ ފުރޭތަ ފެނިއްޖެ އެވެ. މި ފުރޭތަ ފެނުމާ އެކު، މީނާގެ މަސްދަތް ފިޔޮހިން ފުރޭތަ މަރާލައިފި އެވެ. ދެން މިއޮޑިތާން ކަލޭގެ އެރަށުން އެއްގަމަށް ތަންކޮޅަކަށް ހިނގާލިތަނާ، އަންހެނަކާ ދިމާވި އެވެ. މި އަންހެންމީހާއަށް ފަންޑިތަ ހަދައިގެން މިކަލޭގެއާ އިންނަން އެ އަންހެނާ ޤަބޫލުވެއްޖެ އެވެ. އެ ދެމަފިރިންނަށް ކުއްޖަކު ލިބިއްޖެ އެވެ. ކޮންމެ ރެޔަކު އެ ދަރިފުޅު އޮޑިތާން ކަލޭގެ ގާތުގައި ބަހައްޓާފައި، އޭނާގެ އަންހެނުން ބޭރަށް ދިޔުމަކީ އާދައަކަށް ވެއްޖެ އެވެ.
މިކަމާ މެދު އޮޑިތާން ކަލޭގެ ގެ ހިތުގައި ޝައްކެއް އުފެދިއްޖެ އެވެ. އެހެންކަމާ އެކު، އެއް ރެޔަކު އޭނާގެ އަންހެނުން ދާތަނެއް ބަލަން ސިއްރުން ފަހަތުން ހިނގައްޖެ އެވެ. އޭނާ ސިއްރުން ބަލަން ހުއްޓައި، އަންހެނުން ގޮސް ކޯރުގެ އައްސޭރިފަށް ކޮނެގެން ކަޅުހިލަ ދައެއް ނަގައިފި އެވެ. އެއަށް ފަހު، މި ދައިގައި ރިޔަލެއްހެން ފަތެއް ޖަހައިލައިގެން ކޯރުގެ އަނެއް ފަރާތަށް އެ ކަޅުހިލަ ދައި ދުއްވާފައި އެއަންހެނާ ހިނގައްޖެ އެވެ. އިރުކޮޅަކަށް ފަހު އޭނާ އެނބުރި އައިސް އެއްކަލަ ދައި އަނެއްކާވެސް ކޯރުގެ އައްސޭރިފަށުގައި ވަޅުލައިފި އެވެ. މި ކަންތައްތައް ބަލަން ހުރި އޮޑިތާން ކަލޭގެއަށް މިއީ އާދައިގެ އިންސާނެއް ނޫންކަން އެނގިއްޖެ އެވެ. އޭނާ ހަމަ އެވަގުތު ގަސްދުކުރީ އަންހެނުން ދޫކޮށްލާފައި ދިވެހިރާއްޖެ އަށް އެނބުރި އަންނާށެވެ. މި ގޮތަށް ނިންމާފައި އަންހެނުންނަށް ސިއްރުން، ކޯރުގެ އައްސޭރިފަށަށް ގޮސް، އެއްކަލަ ކަޅުހިލަ ދައި ނަގައިގެން، ރިޔަލަކަށް ފަތެއް ޖަހާލައިގެން، މީނާ ފުރައިފި އެވެ.
ކަޅުހިލަ ދައި މަތީގައި ދަތުރުކޮށްފައި ރަށަކަށް އާދެވުނީ ރޭގަނޑު އެވެ. ކަޅުހިލަ ދައި ބީއްސާލިތާ ކައިރީގައި ބިންބި ހައްދާފައިވާ ދަނޑެއް އޮތެވެ. އޮޑިތާން ކަލޭގެ އަވަހަށް ފައިބައިގެން ގޮސް، ބިންބި ދަނޑުގެ މެދުގައި ކަޅުހިލަ ދައި ވަޅުލައިފި އެވެ. ދެން އޭނާ އެތާ ކައިރީގައި އޮތް ނިޔަރަށް (ވިލެޖަށް) ގޮސް، އެރަށުގެ މީހުން ގާތުގައި އެ ބިންބި ދަނޑަކީ އޭނާގެ ބައްޕަގެ ދަނޑު ކަމަށް ބުނެފި އެވެ. މި ކަމުގެ ހެއްކެއްގެ ގޮތުން އޭނާ ބުނީ، ބައްޕަގެ ކަޅުހިލަ ދައި އޮންނާނީ އެދަނޑުގައި ވަޅުލާފައި ކަމަށެވެ. އެމީހުން އޭނާގެ ވާހަކަތައް ޤަބޫލުކޮށް އެ ދަނޑު އޭނާ އަށް ދީފި އެވެ.
އޮޑިތާން ކަލޭގެއާ ބެހޭ ގޮތުން އަދި އެއް ވާހަކަ ދަންނަވާލާނަމެވެ. މި ވާހަކައިގައި ވެސް ބުނަނީ، އޮޑިތާން ކަލޭގެ އަކީ ޢިލްމު ލިބިފައި ހުރި ފަންޑިތަވެރިއެއް ކަމަށެވެ. މި ވާހަކައިގައި ބުނާ ގޮތުގައި، އެއްފަހަރަކު ކިނޮޅަހުގެ ގޮނޑުދޮށަށް ފުރޭތައެއް ލައްވި އެވެ. ލައްވި ތަނަކީ މައި މިސްކިތް ހުންނަ މަގުގެ ކޮޅެވެ. މިސްކިތު މުދިމަށް މިއެތި ފެނުނީ ލަކުޑިބުރިއެއްގެ ސިފައިގަ އެވެ. މިހެންކަމުން، އޭނާ އެ ލަކުޑިބުރި ގެޔަށް ގެންދިޔަ އެވެ. އޭގެ ތަންކޮޅެއް ފަހުން އައި އީދު ދުވަހު، އެއްކަލަ ފުރޭތަ ސިފަ ބަދަލުކޮށްލާފައި އންސާނެއްގެ ސިފައިގައި އަތުވެއްޖެ އެވެ. މި ފުރޭތަ އައިސް ހުރީ ކަތީބުގެ ގޭ ކައިރީގައި ސަލާންޖަހާށެވެ. ކަތީބުގެ ގެއަށް ވަނުމަށް އެ އެއްޗަށް ދަޢުވަތު ލިބުމުން ގޭތެރެއަށް ވަދެއްޖެ އެވެ. އަދި އޭނާއަކީ ކޮން ރަށެއްގެ މީހެއްތޯ އަހާލުމުން، ތަންކޮޅެއް ދުރުގައި އޮތް ރަށެއްގެ މީހެއް ކަމަށާއި، ކިނޮޅަހަށް އައީ އެދުވަހު ކަމަށް ބުންޏެވެ. އަދި ބޭނުމީ ވެސް އެރަށުގައި ހުންނަން ކަމަށް ބުންޏެވެ. ކަތީބަށް މިއީ މާ ރަނގަޅު މީހެއް ކަމަށް ހީވެގެން އެގޭގައި ހުންނާށާއި، އޭނާގެ އަންހެންދަރިފުޅާ އިންނާށޭ ވެސް ބުންޏެވެ. އެހެންކަމުން މިކަން ވެސް ހަމަޖެހި ނިމިއްޖެ އެވެ.
މިކަން މިހެން ހިނގުމަށް ފަހުގައި، އެރަށުގެ މީހުން މާ ގިނައިން މަރުވާން ފަށައިފި އެވެ. ކޮންމެ ރެއަކު ކަތީބުގެ އަންހެން ދަރިފުޅު އޮށޯވެ ނިދުމަށް ފަހުގައި، އޭނާގެ ފިރި ފުރޭތަ ގޮސް ޤަބުރުސްތާނަށް ވަދެ، ވަޅުލާ ފައިތިބި މީހުން ކޮނެ ނަގައިގެން އެމީހުންގެ މޭކާލާފައި ކަފުން ފޮތި ހިފައިގެން ގެއަށް އަންނަނީ އެވެ. ކޮންމެއަކަސް، ކިނޮޅަހުގެ މީހުން ކަންބޮޑުވެގެން، މާލެއިން ފަންޑިތަހަދާ ރަނގަޅު މީހެއް ގެންނަން ހިނގައްޖެ އެވެ.
އެމީހުން މާލެ އަށް ގޮސް، މީހުންކުރެން އަހައިގެން، ކެޔޮގޭގައި ހުންނަ އޮޑިތާން ކަލޭގެ ކިޔާ ވަރަށް މޮޅު ފަންޑިތަވެރިޔެއް ރަށަށް ގެނަ އެވެ. ކިނޮޅަހަށް ދިޔުމުން އެރަށަށް އެކަކު ވެސް ނުފައިބާ، މިރިހި ގޮފިކޮޅެއް ގެނެސްދޭން ބުންޏެވެ. ދެން މީނަ އެއަށް ފަންޑިތައެއް ހަދައިފައި ގޮނޑުދޮށުގައި އެގޮފިކޮޅު އިންދައިފި އެވެ. ދެން ދޯނިން މީހުން ފޭބުމަށް ހުއްދަ ދީފި އެވެ. އެރޭ، ރަށުގެ މަތީގައި ވައްތަރެއްގެ އައްޔެއް ފެތުރިފައިވާތަން އޮޑިތާން ކަލޭގެ ރަށު މީހުނަށް ދައްކާލި އެވެ. އަދި އެއީ އެ ރަށުގައި ފުރޭތައެއް އުޅޭތީ ފެންނަ ގޮތް ކަމަށް އޭނާ ބުންޏެވެ. އޮޑިތާން ކަލޭގެ ރަށަށް ފައިބައިގެން، ކަތީބުގެ ގެއަށް ދާއިރަށް، ވަލު ދޮރޯށީން ފުރޭތެ ނިކުމެގެން ހިނގައްޖެ އެވެ. އަދި ރަށު އެންމެން އެއްކުރަން ސަންގު ފުމުމުން، އެންމެން އައިއިރު، ކަތީބުގެ ދަނބިދަރިއެއް ނާދެ އެވެ. އެންމެންވެގެން އޭނާ ހޯދިއިރު، އޮތީ ވީރާނަވެ އިންދިރާސް ވެފައިވާ މިސްކިތަކަށް ވަދެ ފިލަ އެވެ. އޭނާ ހޯދައިގެން އޮޑިތާން ކަލޭގެ ކުރިމައްޗަށް ގެނައުމުން، އޮޑިތާން ކަލޭގެ ކިޔަވާފައި ބިންމައްޗަށް ކަޑައެއް ޖެހި އެވެ. މިހެން ހެދީ އެ ފުރޭތައަށް އެއްވެސް ކަމެއް ނުކުރެވޭނެ ގޮތް ހެދުމަށެވެ. ދެން ފުރޭތައާ ސުވާލުކޮށްގެން އޭތި އެރަށަށް އައި ގޮތް، އޮޑިތާން ކަލޭގެ އޮޅުންފިލުވި އެވެ. އަދި ބަނޑުހައިވުމުން ރަށު މީހުން މަރައި އެމީހުން ކެއީކަމަށް ވެސް ފުރޭތަ ބުންޏެވެ.
ދެން އޮޑިތާން ކަލޭގެ، ފުރޭތައަށް އަމުރުކުރީ ކުޑަވާށެވެ. ފުރޭތަ ކުޑަވަމުން ގޮސް ކުޑަ ފަންޏެއްވަރު ވީމާ، އޮޑިތާން ކަލޭގެ އޭތި ނަގާ ފުޅިއަކަށްލައި އުނގުރި ޖަހައި ލާއަޅައި، ފުޅި ރަނގަޅަށް ސީލްކޮށްފައި ކަނޑު އަޑިޔަށް ފެއްތީ އެވެ. މި ފުޅި ފައްތަން އުޅެނިކޮށް ފުރޭތަ ގޮވާލިކަމަށް ވެއެވެ- “އަހަރެންގެ ބާރު ބެރިޔަންފަރުން ކިނޮޅަހަށް ފޯރާނެ އެވެ. ބެރިޔަންފަރުގައި ވަރަށް އާދަ އާއި ޚިލާފު ކަންތައްތައް ހިނގާނެ އެވެ.” ބުނެވޭ ގޮތުގައި ބެރިޔަންފަރުގައި ވަރަށް ފަހަކަށް އައިސް ވެސް އާދައާ ޚިލާފު ކަންތައްތައް ހިނގަ އެވެ.
ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތު ހޯދާފައިވަނީ ޙަސަން އަޙްމަދު މަނިކު ލިޔުއްވާފައިވާ “ދެވި” ވަނަވަރު 1”މި ފޮތުންނެވެ.
(Source: haveeru.com.mv)