dhivehi bavana

a cultural mapping blog scanning the cyberspace for artefact’s of culture, history, art, nature of the Maldive Islands creating an ethnoscape through selective use of impulse and curiosity.

Editor: Ahmed Ikram (aike)
contact: mvbavana@gmail.com



Backward

Police arrest six on suspicion of murder in Kudahuvadhoo sorcerer case

Police arrest six on suspicion of murder in Kudahuvadhoo sorcerer case thumbnail

Police have arrested six persons following the murder of an alleged sorcerer living on the island of Kudahuvadhoo in Dhaalu Atoll.

Two weeks ago Ali Hassan, a 76 year-old man, was found murdered with multiple stab wounds on Kudahuvadhoo.

Hassan was found knifed at an abandoned house around 8:00 pm on the evening of January 8.

A police spokesperson confirmed Minivan News that the arrests were made and that none of the suspects had so far been released.

“We are currently investigating the case and will provide details later,” he said.

A special team from the Serious and Organised Crime Department was dispatched to the island the day of the murder.

The victim had previously been accused of using sorcery on a 37 year-old woman, who was reported missing at 2:00am on December 4, 2011 and whose body was found floating in Kudahuvadhoo lagoon later that morning.

Island Council President of Kudahuvadhoo Ibrahim Fikry today told Minivan News that the islanders were all frightened after the incident.

“After the death of the woman the islanders were scared, and then this incident occurred and now the islanders are worse,” he said adding that no one walks on the roads now after the sun goes down.

“The injuries sustained were horrific,” Fikry told Minivan News at the time, claiming to have seen the body of the man.

Fikry said that the victim’s forehead was slashed and that his neck was slit. “There were deep stab wounds to the chest and back, revealing the bones. The intestines were visible from a slash to the stomach,” he recalled.

Speaking to Minivan News, an islander from Kudahuvadhoo claimed that the victim was “unpopular” in the community for his alleged practice of sorcery.

Hassan was formerly Deputy Island Chief of Gemedhoo in Dhaal Atoll, which was devastated in the 2004 tsunami. When the population resettled in Kudahuvadhoo, he was removed from the position over allegations of child abuse, said a council member.

މަރަދޫ ބަޔަކު މަރަދޫފޭދޫއާ ދެކޮޅަށް އަޑު އުފުލައިފި

ސ. ފޭދޫން އަހުމަދު އަދްޝަން
01 ޑިސެމްބަރ 2011

މަރަދޫގެ ބައެއް މީހުން ބުނަނީ ރަށްވެހިކަން ގެއްލޭ ކަމަށް ބުނެ، އަވަށް ހެދުމާ ދެކޮޅަށް ނިކުމެ މަސައްކަތްކުރާ ނަމަ، “މަރަދޫފޭދޫ”ގައި އުޅޭ މީހުން ޖެނުއަރީ 1 އިން ފެށިގެން އެތަނުގައި އުޅެން ޖެހޭނީ ކުލި ދައްކައިގެން ކަމަށެވެ. އައްޑޫ ސިޓީއަކަށް ބަދަލުވުމާ އެކު ރަށްތައް އަވަށްތަކަކަށް ބަދަލުވެފައިވާ ކަމަށާއި އައްޑޫގައި މިހާރު އޮތީ ހަތަރު އަވަށް ކަމަށް ނިންމައި، ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި މަރަދޫފޭދޫގެ ނަން އައްޑޫ ސިޓީ ކައުންސިލުން ފޮހެލަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ ޕެޓިޝަންތަކެއް ކަމާ ބެހޭ ބައެއް ފަރާތްތަކަށް މަރަދޫފޭދޫ ރައްޔިތުން ހުށަހަޅާފައި ވަނިކޮށް އެކަމާ ދެކޮޅަށް މަރަދޫ ބަޔަކު މިއަދު އަޑު އުފުލައިފި އެވެ. މިއަދު ހަވީރު މަރަދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް ސޯޝަލް ސާވިސް ކައިރި އަށް އެއްވި ބައެއް މީހުން ބުނެފައި ވަނީ މަރަދުފޭދޫ ކިޔާ ރަށެއް ނެތް ކަމަށެވެ. އަދި އައިޑެންޓިޓީ ގެއްލޭ ކަމަށް ބުނެ މަރަދޫގެ އެއްބައިގައި އުޅޭ މީހުން ވަކިވެގަންނަން މަސައްކަތްކުރާ ކަމަށް އަޑު އުފުލި މީހުން ބުންޏެވެ. “މިއީ އައްޑޫ ސިޓީގެ މަރަދޫ އަވަށް. މި އަވަށުގެ ތެރޭގައި އެހެން އަވަށެއް ވެސް އަދި އެހެން ރަށެއް ވެސް ނެހެދޭނެ. މިރަށުގެ އެއްބައިގައި އުޅޭ ބައެއް މީހުން ރަށްވެހިކަން ގެއްލޭ ކަމަށް ބުނެ ތަންތަނަށް ޕެޓިޝަނާ އެއްޗެހި ހުށަހަޅައިގެން އުޅޭ އިރު އެ މީހުންނަކަށް ނޭނގެއޭ މި އުޅެވެނީ މަރަދޫގެ އެއްބައިގައި ކަމެއް،” މަރަދޫފޭދޫ މީހުންނާ ދެކޮޅަށް އަޑު އުފުލި މީހަކު ބުންޏެވެ. “އެކަން ކުރުމަށް އަހަރެމެން ފުރުސަތެއް ނުދޭނަން. އެހެންވެ ވަކިވެގަންނަން އެ ކުރާ މަސައްކަތް ހުއްޓާލުމަށް އަހަރެމެން އެ މީހުންނަށް ގޮވާލަން. އޭރުން އަހަރެމެން ވެސް އެކަމަކާ ދެކޮޅަށް ތަންތަނަށް އެއްވެ އަޑު އުފުލާކަށް ނުނިކުންނާނަން.” މިކަމާ ދެކޮޅަށް ނިކުތް އެހެން މީހަކު ބުނީ “ވަކިވެގަންނަން އުޅޭ” މީހުން ތިބީ މަރަދޫގެ އެއްބައިގައި ކަމަށާއި އެއީ މަރަދޫގެ ބިން ކަމަށެވެ. އެހެންވެ ރަށްވެހިކަން ގެއްލޭ ކަމަށް ބުނެ، އަވަށް ހެދުމާ ދެކޮޅަށް ނިކުމެ މަސައްކަތްކުރާ ނަމަ، އެތަނުގައި އުޅޭ މީހުން ޖެނުއަރީ 1 އިން ފެށިގެން އެތަނުގައި އުޅެން ޖެހޭނީ ކުލި ދައްކައިގެން ކަމަށް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލުގައި ވެސް މަރަދޫ/މަރަދޫފޭދޫ ދާއިރާ ތަމްސީލްކުރައްވަނީ އެންމެ މެމްބަރަކު ކަމަށެވެ. “އެހެންވެ މީގައި ހަމަނުޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ވަކި ނަމެއް އޮންނަން އެ މީހުން ބޭނުންވާ އިރު މަޖިލީހުގައި ވެސް ކައުންސިލުގައި ވެސް މި ދާއިރާ ތަމްސީލްކުރައްވަނީ މަރަދޫގެ ނަމުގައި،” އޭނާ ބުންޏެވެ. “އެހެންވެ މިއީ އެއްވެސް ދެކޮޅު ޖެހޭ ކަމެއް ނޫން. ބަޔަކު ވަކިވެ ގަންނަން ކުރާ ބޭކާރު މަސައްކަތެއް މިއީ. އަހަރެމެން އެކަން ވިޔަކަ ނުދޭނަން.” އައްޑޫ ސިޓީގެ ހަތަރު އަވަށުގެ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ހިތަދޫ، މަރަދޫ، ފޭދޫ އަދި ހުޅުމީދޫ އަވަށެވެ. މީގެ ތެރެއިން މަރަދޫ އަވަށް ނިސްބަތް ކުރަނީ މަރަދޫފޭދޫ ވެސް ލައިގެންނެވެ. އަދި އެކަން އެގޮތަށް ނިންމައި އެކަން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ކައުންސިލުން މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ހުށަހަޅައިފަ އެވެ. އަދި އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ރަސްމީކޮށް ގެޒެޓްކޮށް ނިންމާނީ އެލްޖީއޭ އިން ކަމަށް ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ އައްޑޫގައި އޮންނާނީ ހަތަރު އަވަށް ކަމަށް ނިންމީ މަރަދޫ އާއި މަރަދޫފޭދޫގެ ޖިއޮގްރަފިކަލް ބައުންޑަރީ އަށް ވެސް ރިއާޔަށް ކުރުމަށް ފަހު ކަމަށެވެ. މީގެ އިތުރުން ދެ ނަމުން ނިސްބަތް ކުރިއަސް އެއްފަސްކޮށް ގުޅިފައި އޮތް ސަރަހައްދުގެ ރަސްމީ ނަމަކީ ވެސް “މަރަދޫ” ކަމަށް ކައުންސިލުން ބުނެފައިވެ އެވެ. އަދި އެއްފަސްކޮށް ގުޅިފައި އޮތް ނަމަވެސް ކުރިން ދެ ރަށުގެ ގޮތުގައި ބަލަމުން ދިޔަ ހުޅުދޫ އާއި މީދޫ ވެސް އެއް އަވަށެއްގެ ގޮތުގައި ހަމަޖައްސައިފައި ވަނީ އެ އުސޫލުގެ ދަށުން ކަމަށް ކައުންސިލުން ބުންޏެވެ. މިކަމާ ގުޅިގެން 1،800 އެއްހާ މީހުންގެ އާބަދީއެއް އޮތް މަރަދޫފެދޫގެ ރައްޔިތުން ވަނީ 670 އަށް ވުރެ ގިނަ މީހުން އެކަމާ ދެކޮޅަށް ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް ނަޝީދަށާއި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެލްޖީއޭ އަށް ހުށަހަޅައިފަ އެވެ. އަދި އެ ރަށުގެ ރައްޔިތަކު ވަނީ އެ މައްސަލަ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އަދި މިކަމާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މަރަދޫފޭދޫ ރައްޔިތުން ބުނެ އެވެ. މަރަދޫފޭދޫ ރައްޔިތުން ބުނަނީ މިފަދަ ހާދިސާތަކެއް މީގެ ކުރިން ވެސް އެ ރަށުގެ ރައްޔިތުން ތަޖުރިބާކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ހިތާމަތައް ވެސް އަދި ފިލައި ނުދާ އެތައް ބަޔަކު އެ ރަށުގައި މިހާރު ވެސް އެބަތިބި ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގަން އިނގިރޭސީންނަށް ދޭން އޭރުގެ ސަރުކާރުން ނިންމުމާ ގުޅިގެން، އޭރުގެ ގަމުގައި އުޅުނު ރައްޔިތުން (މިހާރު ފޭދޫގެ ރައްޔިތުން) ފޭދު އަށް ބަދަލުކުރަން ނިންމައި ފޭދޫގައި އޭރު ދިރިއުޅެމުން ދިޔަ މީހުން (މިހާރުގެ މަރަދޫފޭދޫގެ ރައްޔިތުން) ފޭދޫން ބޭލުމަކީ ފިލައިގެން ނުދާނޭ ފަދަ ހިތި ތަޖުރިބާއެއް ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. އެގޮތަށް އެ ބަދަލު ގެނައުމަށް ފަހު މިހާރު މަރަދޫ ގޮތުގައި ބަލަމުން އަންނަ ބަޔަށް “މަރަދޫފޭދޫ” ގެ ނަން ދީފައި ވަނީ 1994 ވަނަ އަހަރުގެ ތެރޭގަ އެވެ.

(Source: haveeru.com.mv)

ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ފަޒީނާ އަހުމަދު
30 ޖެނުއަރީ 2012

ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާ އެކު، އެ ކަމަށް ތުހުމަތުކުރެވޭ ފިރިހެނަކު މާލޭގެ

ގެއަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާއްމުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ސިހުރު ހަދާކަމަށް

ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 00: 3 ހާއިރު ކަމަށެވެ. ދެބައި އުމުރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ މާފަންނު ޗާނދަލިއާ ކައިރީގައި ހުންނަ ގެއަކުން ކަމަށް ވެސް ފުލުސް އޮފީހުން ބުންޏެވެ.

“އެ މައްސަލަ އިތުރަށް ތަހްގީގްކުރަމުން ދަނީ،” ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ފަހަކަށް އައިސް ބައެއް ރަށްރަށުގައި ސިހުރު ހަދާ ކަމުގެ އަޑުތައް ވަނީ ވަރަށް ގަދަވެފަ އެވެ. އެ ގޮތުން ދ. ކުޑަހުވަދޫގެ ބައެއް މީހުންނަށް ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް، އެކަމުގައި އިސްކޮށް އުޅޭ ކަމަށް ބުނާ މީހާ ވަނީ ވަރަށް ރަހުމް ކުޑަ ގޮތަކަށް މަރާލައިފަ އެވެ. އަދި ށ. ކަނޑިތީމުގައި ވެސް ސިހުރު ހަދާ ކިއްލާއެއް ކަމަށް ބުނާ ތަނެއް ވެސް ފެނިފައިވެ އެވެ.

ނާޞިރުގެ ގޯސް ކަންތައްތަކާއި އަނިޔާވެރި ކަންތައްތައް

ނާޞިރުގެ ސިކުނޑިއަށް އެންމެ މަތީ ދަރަޖައިގެ ވެރިކަން ކުރުމުގެ ދަހިވެތިކަން އިބިލީސް ވެރިކުރުވައިފިއެވެ. ރަސްކަމުގައި ހުންނެވީ ޖަލާލަތުލްމަލިކު މުހައްމަދު ފަރީދުލްއައްވަލްއެވެ. މުހައްމަދު ފަރީދަކީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުންގެ ޢަބުދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުންގެ އެންމެ ދޮށީ ދަރިކަލުންނެވެ. އިބްރާހިމް ނާޞިރަކީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަހަންމައިދީގެ އިބްރާހިމް ނާޞިރެވެ. ނާޞިރަށް ޤާނޫނުން ލިބިފައި އޮންނަ ބާރުން އެއްވްސް ކަމެއް ކުރެއްވުމަށް ދަތިއަރާކަށް ނެތެވެ. އެހެންނަމަވެސް ނާޞިރު ރައީސުލްޖުމްހޫރިއްޔާ އަށް ނުވެ ހިތްޕުޅު ހަމަޖެހޭގޮތެއްނުވިއެވެ. ދެންފެނުނީ މުހައްމަދުފަރީދުގެ ރަސްކަން ބަދަލުވީތަނެވެ. މިހާރު އަލްއަމީރު މުހައްމަދު ފަރީދު ފާށަނާކިލެގެފާނަށް ބަދަލުވީއެވެ. އޭނާގެ ގެކޮޅަށް މާބަގީޗާގެއަށް ވަޑައިގަތީއެވެ. 

ނާޞިރަކީ 1968 ނޮވެމްބަރ 11 އިންފެށިގެން ރައީސުލްޖުމްހޫރިއްޔާއެވެ. އެއީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފެށުމެވެ. ނާޞިރަށް އެފަހަރުގެ ރައްޔިތުންގެ ވޯޓުން ވަރަށް ބޮޑު އަޣްލަބިއްޔަތެއް ލިބުނެވެ. ނާސިރަކީ ހިތްގަދަ އެމަނިކުފާނަށް ފެނިވަޑައިގެންނެވި ގޮތެއްނޫން އެހެން ގޮތެއް ޤަބޫލު ނުކުރެއްވޭ ފާޑުގެ ލީޑަރެކެވެ. ނާސިރުގެ ޖުމްހޫރިއްޔަތަށް ފަސްއަހަރު ހަމަވެގެން ރައްޔިތުންގެ ޢާއްމު ސިއްރު ވޯޓް އެޅީމާ ލިބިވަޑައިގަތީ % 75 އެވެ. މުޅިރާއްޖޭގެ % 25 ނުރުހޭކަން އެނގި ނިމުނީއެވެ. އެހެންނަމަވެސް ނާސިރު ހެއްދެވިގޮތަކީ ވަރަށް ނުބައިގޮތެކެވެ. އަތޮޅުތަކުގެ އަތޮޅުވެރީންނާއި ރަށްރަށުގެ ކަތީބުން ވެރިކަމުންދުރުކުރެއްވިއެވެ. ދައުލަތުގެ ސިޔާސަތު ރައްޔިތުންނަށް އަންގައި ވިސްނައިނުދެވުނު ނަމުގައެވެ. އެއީކީ މުޅިން މާލޭމީހުންނެއްވެސްނޫނެވެ. އަމުދުން ބައެއް ކަތީބުންނަކީ އެހެން ރަށްރަށުގެ މީހުންނެވެ. ބައެއް އަތޮޅުވެރީންނަކީ މާލޭމީހުންނެވެ. މިދުވަސްވަރު ފާދިއްޕޮޅު އަތޮޅު ވެރިކަމުގައި ހުންނެވި ކުރެންދޫ އަލްފާޟިލް އިދުރީސް ވެސް އަތޮޅުވެރިކަމުން ދުރުކުރިއެވެ. އެތައްބަޔަކު މިކަމާއި ނާޞިރާއި ނުރުހުނެވެ. 

ބޮޑު ބުރާސްފަތީގެ ކަންތައްގަނޑުވެސް ނާސިރަށް ރަނގަޅު ފިލާވަޅެއް ލިބި ދިނެވެ. އެއީ އެހާގިނަ ބަޔަކު އެހާބާރަށް ހަޅޭއްލަވާ ފަސްގަނޑަށް އެއްވުމެވެ. ނާޞިރު ހޭލާ ހުންނެވިކަމުން ބަޑިތަޅާއިގަތީމާ އެމީހުންތައް ވިއްސި ވިހާލިވެގެން ދިޔަނަމަވެސް ޢިބްރަތް އޮތީ ނާޞިރަސް ލިބިވަޑައިގެންފައެވެ. ހަމަ މިއާއި އެކު އައްޑުއަތޮޅު މީހުނަށް އަނިޔާއެއްނުކުރެވުނެވެ. ނަމަވެސް ހުވަދު އަތޮޅުގެ މީހުންނަށާއި ފުވައްމުލަކު މީހުންނަށް ވަރުގަދަ އަނިޔާ ކުރިކަމުގައި ބެލެވިދާނެއެވެ. 

ފަހަރެއްގައިވެސް ހަތިޔާރު ނުބަހައްޓާ ވާހަކަ އަނިޔާ އަކު ނުހިމަނާނަމެވެ. އެކަމަކު އަމާންދިނީމައި ދެން ގެނެސް މޯލްޑިވްސްޓާރުން ގެނައި މީހުންނަށް މާލޭގައި ކުރީ އެއްގޮތަކަށްވެސް ކޮއްގެން ނުވާނެ އަނިޔާއެވެ. ހެންވޭރު ޖަލުގައި އަލްފާޟިލް ސައިކުރާ ދޮހުއްތު އަލްފާޟިލް ހިރިހަމައިދި ކަލޭގެފާނު ފަދަ ރަނގަޅުމީހުން މަރުވެދިޔައެވެ. ނުބައި ބަލިތަކާއި ބަނޑުހައި ހޫނުކަމާއި ބޭސްފަރުވާ ނުކުރުމާއި ރަނގަޅު ބޯފެންނުދިނުމާއި މިހުރިހާގޮތަކުން ބަލާއިރު ހެންވޭރު ޖަލަކީ ބޭރުގެ އެއްފަދަ ތަނެކޭ ބުނެވިދާނެއެވެ.

ވިލިގިލީ ޖަލަކީ ހެންވޭރުގައި ހުރި ޖަލު ތަޅާފައި އުފެއްދި ޖަލެކެވެ. މިޖަލުގައި ކުރިއަނިޔާ ދުލުން ނުވަތަ ގަލަމުން ބަޔާން ކުރެވޭ ވަރެއްނޫނެވެ. ހީރާ ރަޝީދު ވިލިގިލީ ޖަލުގައި މަރުވެދިޔައެވެ. ކުޑަ އަހުމަދު މަނިކުގެ އިބްރާހިމްމަނިކު ހައްޔަރުކުރަން ނުވެސްވާ ކަމެއްގައި ހައްޔަރުކޮއްގެން ޖަލުގައި މަރުވެދިޔައެވެ. ކާދަރު ޢަލީމަނިކު މަރުވީވެސް ވިލިގިލީ ޖަލުގައި ވަރަށް ބޮޑަށް އަނިޔާކޮއްގެންނެވެ. ރަތް ނިޒާރު ނާޞިރު އިންނަވައިގެން ދުއްރައިން ވަރަށް ބާރަށް ތެޅިއެވެ. ފަންސިނަމާ އަންދާލުމުގެ ތުހުމަތުގައެވެ. ހަމަހިލާ ރަތް ނިޒާރު އެއބަހެއްނުވިއެވެ. ތަޅަތަޅާފައި އެންމެފަހުން ނާޞިރު ވިދާޅުވިކަމށް މަސްހޫރުވެފައި ވަނީ އަނިޔާކޮއްގެން މީހަކު އެއްބަސްވާނެނަމަ ރަތް ނިޒާރު އެއބަސްވާނެއެވެ. 

ނާޞިރު ދެކެ ހުވަދު އަތޮޅުގެ ޒުވާނުން ޙާއްސަކޮށް ހަވަރުތިނަދޫގެ އެންމެން ތިބީ ވަރުގަދަޔަށް ރުޅިއައިސްފައެވެ. ކުއްވެރީންނަކީ ކުށް ޤަބޫލު ކުރާބައެއްނޫނެވެ. މިއީ ސައިކޮލަޖިސްޓުން އެއްބަސްވާކަމެކެވެ. ކުއްވެރި ވިޔަސް އުޤޫބާތުގައި ހައްދު ފަހަނައަޅާ ދިޔުމަކީ އެއްވެސް މީހަކު ޤަބޫލު ކުރާނެ ކަމެއްނޫނެވެ. އަނިޔާލިބޭ މީހާގެ އެތައް ބަޔަކު ތިބޭނެއެވެ. އެ އެންމެންނަށްވެސް އެކަމުގެ އަސަރު ކުރާނެއެވެ. މިއީ އިންކާރު ކުރެވެން ނެތް ހަޤީގަތެކެވެ. 

ވިޔަފާރިވެރިންގެ ގަޑުބަޑުގެ ނަމުން އުފެދުނު މަސްޙޫރު ގަޑުބަޑަކީވެސް އެމީހުން ހިފި ޝަރީޢަތަށް ކުށް ސާބިތުވެ ފިސްތޯލަ ގެނައިކަންވެސް އެނގި ހުރިހާ ކަމެއް ވުމަށްފަހު ވިލިގިލީ ޖަލުގައި ދިން އުޤޫބާތަކީ ދިވެހިރާއްޖޭގައި މިހާތަނަށް ދެވުނު އެންމެ ގަދަފަދަ އުޤޫބާތެވެ. ކޮންމެއަކަސް އަނިޔާވެރިކަމުގެ ގޮތުން އަނިޔާ ލިބުނު މީހުންގެ ތެރޭގައި ބޮއި ޖަލީލު ކެނެރީ ސައްތާރު ކޮލި ހަސަންމަނިކު މިނާ ކުޑަތުއްތު ހީރާ ރަޝީދު މިހެންގޮސް އެތަކެއް ވިޔަފާރި ވެރިން ނެތް ހިމެނުނެވެ. ހީރާ ރަޝީދަކީ މިގްރޫޕްގެ ލީޑަރެވެ. ނާސިރާއި އެންމެ އެހީވި ތުޅާދޫގޭ އިބްރާހިމް މަނިކު ދޮންމަނިކު ، ޢަބުދުއްރަހުމާނު ދޮންމަނިކު ، އަޙްމަދު ހުސެންމަނިކު ވިލިގިލީ ޖަލަށްލައި ކަރުގައި ނާށިފަތި އަޅުވާ މޫދަށް އެރުވާ މިކަހަލަ އެތައް އަނިޔާ ތަކެއް ކޮއްފައި ތިންމީހުން ތިންރަށަށް އަރުވާލެވުނެވެ. 

ރައްޔިތުންގެ މަޖުލީހުގެ ހަތަރު މެމްބަރަކު ނާޞިރު ބޭނުންވާގޮތަށް ވޯޓް ނުދިނުމުގެ ސަބަބުން ހަތަރުމަސްދުވަހަށް ގޭބަންދުކުރިއެވެ. އެއީ މާޖެހިގޭ އަލްފާޟިލް މުޙައްމަދު ދީދީ ، އަލްފާޟިލް އިސްމާޢީލް ޢަބުދުﷲ އަސރުމާގެ، އަލްފާޟިލް ހަތިފުށީ ޢަލިމަނިކު ، އަލްއުސްތާޛު މުލީ އިބްރާހިމްފުޅާއި މިހަތަރުބޭފުންގެ އެއްވެސް ކުށެއް އޮވެގެންނެތް ނޫނެވެ. ވޯޓަކީ ކޮންމެ މީހެއްގެ ވެސް އަމިއްލަ އިޚްތިޔާރުގައި އެމީހަކަށް ފެންނަގޮތަކަށް ދޭން ޖެހޭ އެއްޗަކަށްވީއިރު އަހަރީ ބަޖެޓް ފާސްކުރި ކަމުގައިވިއަސް ރައީސަކަށް ހުންނަމީހަކު އަންގާ ގޮތަކަށް ވޯޓް ދެވިގެން ނުވާނެއެވެ. މިހަތަރުބޭފުޅުންނަށް ފެނުނު ގޮތަށް ވޯޓް ދިނުމުން ކޮންމެ ބޭފުޅަކަށް ޖެހުނީ ރައްޔިތުން އިންތިޚާބު ކޮއްފައިވާ މަޤާމު ދޫކޮއްލައި ދިގު މުއްދަތެއްގައި ގޭ ބަންދުގައި ތިބޭށެވެ. މިއީ އަނިޔާއެއް ނޫން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއްނެތެވެ.

މިކަހަލަ ކަންތަކަށް ބަލާއިރު ޖަލުގައިވާ ކަމަކީ ވެރިަކަށް ހުންނަ މީހަކަށް ވަގުތުން ވަގުތަށް ނޭގި ހަގައިދާނެ ކަންތަކޭވެސް ބުނެވިދާނެއެވެ. ނަމަވެސް އެކަން ރައްދުވާނީ ހުންނަ ވެރިއަކަށެވެ. ވެރިމީހާއަށް އެގުނަސް ނޭގުނަސްވެހެވެ. އެހެންވީމާ ނާޞިރަކީ ދުނިޔޭގައި އުފެދުނު އަނިޔާވެރި ލީޑަރުންގެ ތެރޭގައި ހިމެނޭ ލީޑަރެކޭ ނުބުނާނެ ތަނެއްނެތެވެ. އެހެނީ ސަރުކާރު ހިންގަވަން ހުންނެވި ބޭފުޅަކީ އަދި ޤައުމުގެ ރައީސަކީ ނާޞިރެވެ. ވީމާ މިކަންކަން ހިގާފައިވަނީ އެގިވަޑައިގަތުމާއިނުލާ ކަމަށްވިޔަސް އެކަން ރައްދުކުރެވޭނީ ސީދާ ނާޞިރަށެވެ. 

ވިޔަފާރިވެރިންގެ ގަޑުބަޑުގެ ނަމުން ލިޔުފައި އެވާ ގަޑުބަޑު ފެށުމުގައި އެމީހުންގެ ބައެއް މެމްބަރުންނަކީ މުއްސަނދީންނެވެ. ބޮޑު ބުމްބާ ފިހާރައެއް ގަނެގެން “ފައިވް އޭ ކުންފުނީ”ގެ ނަމުން ފިހާރައެއް ހިންގަމުން ދިޔައެވެ. އެކުންފުނީގެ ބައެއް މެންބަރުންނަކީ ކެރަފާ އަބްދުސައްތާރު، އަބްދުލްޤައްޔޫމް، އައްބާސް އިބްރާހިމް، (އެންދެރިމާގެ) މިހެން މިހެން ގޮސް ފަސް ވަރަކަށް ޒުވާނުންނެވެ. ޝަރުޢީ ހުކުމުގައި މިއޮންނަ މުސާދިރާއަކީ މުޅި މިލްކު އެކީގައި ހިފުންކަމަށް ބަސް ފޮތަކުން ފެނުނެވެ. ކޮންމެ އަކަސް ހެދީ މިހެންނެވެ. 

ކުށް ވެރިވި މީހުންގެ ތެރޭން ކެނެރީ އަބްދުއްސައްތާރު ( ކެރަފާ އަބްދުސައްތާރު ) ގެ މުޅި މިލްކު އަތުލައިގަތެވެ. ހީވަނީ ހަނގުރާމައަކުން ބަލިވެގެން ގަދަވި ރާއްޖޭގެ މީހުން ، ބަލިވި ރާއްޖެ ލޫޓުވާލާހެންނެވެ. މިއީ މުސާދިރާގެ މާނަޔޯލައެވެ. އަބްދުއްސައްތާރުގެ އަމިއްލަ ފިހާރަވެސް ވަރަށް ނުއަގެއްގައި ވިއްކާލިއެވެ. އެ ފިހާރަ ހުރީ ޗާންދަނީ މަގުގައެވެ. މިއަނިޔާވެރި އަގަލުކުޑަ ކަންތައްގަނޑު ގައި އެމީހުން މުޅިން ބަރުބާދު ކޮށްލިއެވެ. އަބްދުއްސައްތާރު ، ސިއްކަ އަހުމަދު އިސްމާއިލް މަނިކު، ހުސައިން ހާލިދު، މިނާ ކުޑަހުއްތު، ބޮއި ޖަލީލު، ބޮއި ސަޢީދު، އިސްމާއިލް، މައިނާ ރަޝީދު، މިހެން މިހެން ގޮސް ވިއްސަކަށް މީހުނަށް ވުރެ މަދުނޫން މީހުން ބާރަށް ތަޅާފައި ވިލިގިލީ ޖަލަށް ފޮނުވާލިއެވެ. އެންދެރިމާގޭ އައްބާސް އިބްރާހިމަށް ވެސް ވަރަށް އަަނިޔާކުރި ކަމަށް ، ބިޑި އެޅިއެޅީނުން އަތް ހިމަވި ކަމަށްވެސް މަންޒަރު ދުށް މީހަކު ބުންޏެވެ. ކޮންމެއަކަސް މި ޗެޕްޓަރުގައި އޮތް މީގެ އަނެއްބަޔާއި މިބަޔާއި ގުޅުވާލީމާ އޮންނާނީ ހަމަޖެހިފައެވެ.

ގަޑުބަޑު ހިލުމާއިއެކު އޮނަރަބްލް އަލްފާޟިލް އިބްރާހިމް ރަސީދު ގެ މައްޗަށް ނާސިރު ހިތް ނުބައި ކުރެއްވިއެވެ. ފޮނުވާލީ ވަޒީރުއްސިއްހާކަން ދެއްވާފައި ނާސިރާ ދުރަށެވެ. އެމީހުންގެ އެހީތެރިޔެކޭ ކިޔައިގެން ރަށުތެރޭގައި ވާހަކަ ދައްކައެވެ. ކެޕިޓަލެއް ދެއްވިޔޭވެސް ކިޔައެވެ. ނާސިރުގެ އަނިޔާވެރިކަން އެންމެ މަތީ ބޭފުޅުން ނަށް ވެސް ފޯރިއެވެ. އައްނަބީލާ އަމީނާ މުހައްމަދު އަމީނުވެސް އެގަޑުބަޑުގެ ބައިވެރިއެއް ކަމުގައި ނިންމާ ، ސަރީއަތް މެދުވެރިކޮށްގެން ހުކުމު ކަނޑައަޅާ ޅަވިޔަނި އޮޅުވެލިފުށްޓައް އަރުވާލިއެވެ. އެވަރު މާތް އަންހެނަކު ރާއްޖޭގެ ތާރީހުގައި އަރުވާލިކަން އެނގިފައެއް ނެތެވެ. 

ދެންއޮތީ އަނެއްކާ ފަސްއަހަރުވީމާ ރައްޔިތުންގެ މަޖުލީހުން ސިއްރު ވޯޓުން ހޮވުނީމައި ރައްޔިތުންގެ ސިއްރުވޯޓަށް ހުށައެޅުމެވެ. ނާޞިރަށް ޔަޤީންވާގޮތުގައި ރާއްޖޭގެ ރައްޔިތުން އޭނާއަށް ތާއީދު ނުކުރާކަން ޔަޤީނާއި ގާތަށް އެނގިލައްވައެވެ. އޮނަރަބަލް އަހުމަދު ޒަކީ އާއި ޙަވާލާދެއްވާ ވިދާޅުވީ ނާޞިރު ވިދާޅުވިޔޭ އަޅުގަނޑާއި މިހާރު މީހުންނެއް ނުރުހެއެވެ. ކުރިން ވޯޓް ލިބުނީވެސް % 75 އެވެ. އެކަމަކު ވެރިކަން ނުކުރައްވާނެ ވާހަކަ ވިދާޅުވި ކަމަކަށް ވިދާޅެއްނުވެއެވެ. ނާޞިރަށް ޔަޤީންވީ ތިންވަނަ ދައުރަށް ރައްޔިތުންގެ މަޖުލީހަށް ހޮވިނަމަވެސް މާލެ ނޫން ރަށްރަށުން ލިބޭ ވޯޓް މަދުވާނެ ކަމެވެ. ޚާއްސަކޮއް ދެކުނުގެ އަތޮޅު ތަކުން ލިބޭ ތާއީދު މަދުވާނެ ކަމުގައި ނާޞިރު ޤަބޫލު ކުރައްވައެވެ. ނާޞިރަކީ ވަރަށް ތޫނު ޤާބިލް އިންޓެލިޖެންޓް ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްޙީ ހާލަތު ތަންނުދޭކަމަށް ވިދާޅުވެ ބަހަނާދައްކަވުން ވެރިކަމުން ދުރުވެ ވަޑައިގަތީ ވަރަށްވެސް އަމާން އޮމާން ކަމާއި އެކުގައި 1978 ނޮވެމްބަރ 11 ގައެވެ. އަލްފާޟިލް ޢަބުދުލްހަކީމް ހުސެންމަނިކު ވިދާޅުވަނީ ހަޤީގަތަކީ އެއީއެއްނޫނެވެ. ނާޞިރަށް ރައްޔިތުންގެ ތާއީދު ނުލިބި ރައްޔިތުންގެ ކުރިމަތީގައި ފަލީޙަތް ނުވުމަށްޓަކައި ރައްޔިތުންގެ މަޖުލީސްއިން ނިންމި ނިންމުން ޤަބޫލު ނުކުރެއްވީކަމުގައެވެ.

( މަޢުލޫމާތު ނެގީ 10 އޯގަސްޓް 1997 ގެ އިއްޔެގެ މަޖައްލާއިން )

“A Maldivian chronicler once recounted an anecdote of the late Prince Hassan Farid Didi who remarked back in the 1930’s that granting democracy to Maldivians is like giving a handkerchief to a monkey. “The monkey doesn’t know what a handkerchief is used for and soon it will wipe its bottom with it,” the Prince reportedly said.”

http://minivannews.com/politics/comment-citizen-sheep-31127

Maa-vadiyaa Koshaaru; resurrecting childhood fables

މިނިވަންކަމުގެ އެއްބަސްވުމުގައި އިބްރާހިމް ނާސިރު ސޮއިކުރަައްވާ އިރު  ވާތުން ޖެހިގެން  އަބުދުއްސައްތާރު މޫސާ ދީދީ، އަހުމަދު އިސްމާއިލް މަނިކު  އަދި ކޮލިއަލި އުމަރު މަނިކު

އެކި ޒަމާނުގައި ދިވެހި ފައިސާ

ނަސީމާ މުހައްމަދު
24 ޑިސެމްބަރ 2011

ދުނިޔޭގައި އުފެދިދިޔަ ވަރަށް ގިނަ އެހެނިހެން ޙަޟާރަތްތަކާ އެއްގޮތަށް، ދިވެހިރާއްޖޭގައި ވެސް އެންމެ ފުރަތަމަ ވިޔަފާރިކޮށް އުޅުނީ މުދަލަށް މުދާ ދޭ އުޞޫލުން، ނުވަތަ “ބާޓަރު” ކޮށްގެންނެވެ. ފައިސާގެ ބޭނުން ނުކޮށް ތަކެއްޗަށް ތަކެތި ދީގެން ނުވަތަ ތަކެއްޗަށް މަސައްކަތެއް ކޮށްދީގެން ވިޔަފާރި ކުރާ އުޞޫލުންނެވެ.

ޒަމާންތައް ވޭތުވަމުން ދިޔުމާ އެކު، ކޮންމެވެސް ދުވަސްވަރެއްގައި ފައިސާގެ ގޮތުގައި ދިވެހި ބޮލި (ސިޕްރިއާ މޮނޭޓާ) ބޭނުންކުރަން ފަށައިފި އެވެ. މި ކަން ފެށުނީ ދިވެހިރާއްޖޭގައި ކަމެއް، ނުވަތަ ދުނިޔޭގެ އެހެން ހިސާބެއްގައި ކަމެއް ވެސް އެނގޭކަށް ނެތެވެ. ތާރީޚު ލިޔުއްވާ އެކި ލިޔުންތެރިން ވިދާޅުވެފައިވާ ގޮތުގައި، އެވޭލާ ޒަމާނުގައި މިވައްތަރުގެ ބޮލި ލިބެނީ ހަމައެކަނި އިންޑިޔާ ކަނޑުގައި އޮންނަ މި ޖަޒީރާތަކުންނެވެ. ލަކްޝަދީބުން ވެސް އިހުޒަމާނުގައި މިފަދަ ބޮލި ހޮވާފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. ދިވެހިރާއްޖެ އާއި ލަކްޝަދީބާއި، މިއީ އުފެދިފައިވާ ގޮތުން، ކަނޑުގެ އަޑީގައި ދެމިފައިވާ އެއް ފަރުބަދަފައްޗެއްގެ މަތީގައި ގާތުގައި އުފެދިފައިވާ ޖަޒީރާތަކެއްގެ ދެ ބައެކެވެ. އެހެންކަމާ އެކު، ލަކްޝަދީބުން ވެސް މިފަދަ ބޮލި އިހުގެ އިންޑިޔާ މީހުން ހޯދާއުޅުނުކަމަށް ވެދާނެ އެވެ. ރާއްޖޭގެ ބައެއް އާސާރީ ސަރަޙައްދުގައި، އިހުގެ ދީނީ ބިނާތަކުގެ ތެރޭގައި، އެހެން ޤައުމުތަކުގައި ރަނާއި ރިހީން ހަދާފައި ހުންނަ ތަކެތި ވަޅުލާފައި ހުންނަ ފަދައިން ބޮލި ވަޅުލާފައި ހުރުމުން، ބޮއްޔަކީ ހަމަ އެފަދަ އަގުހުރި ތަކެތި ކަމަށް އެޒަމާނުގެ މީހުން ޤަބޫލުކުރިކަން ދޭހަވެ އެވެ.

ބޭރު ދުނިޔޭގެ އެކި ޤައުމުތަކުގެ ފައިސާ ވެސް ދިވެހިރާއްޖޭގައި އިހުގައި ބޭނުންކޮށް އުޅުނެވެ. މީގެ ތެރޭގައި، ދެކުނު އިންޑިޔާގެ ބައެއް ފައިސާ ފޮއްޗާއި، އަދި ވަރަށް ކުރީގެ ރޫމީންގެ ފައިސާ ހިމެނުނެވެ. މިކަމުގެ ހެކީގެ ގޮތުގައި، ތޮއްޑޫ ދާގަބާގެ ތެރެއިން ފެނުނު “ރޯމަން ޑެނޭރިއަސް” ކިޔާ ވައްތަރުގެ ފައިސާ ފޮއްޗަކާއި، މީގެ ފަހުގެ ދުވަސްވަރެއްގެ ރޫމީންގެ ފައިސާ ވެސް ރާއްޖެ އިން ފެނިފައި އެބަ ހުއްޓެވެ.

ބޮލީގެ ވިޔަފާރީގެ ފައިދާ ދިވެހިރާއްޖެ އަށް ވަރަށް ބޮޑަށް ކުރި އެވެ. މީލާދީން ނުވަ ވަނަ ޤަރުނުން ފެށިގެން 19 ވަނަ ޤަރުނާ ހަމައަށް، ރާއްޖެއިން ދިވެހިބޮލި އެހެން ޤައުމުތަކަށް އެކްސްޕޯޓު ކުރި އެވެ. މިރާއްޖެ އިން ބޭރުކުރި ބޮލީގެ ސަބަބުން، މިހިސާބުގެ އެހެން ޤައުމުތަކުގެ އިޤްތިޞާދާ ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅިފައިވި އެވެ. އަދި ފައިސާގެ ޢަދަދު “މަދުކުރުމާއި ގިނަކުރުން ވެސް” އެއިރު އޮތީ ދިވެހިންގެ އަތްމަތީގައި ކަމަށް ބެލިދާނެ އެވެ. ހުޅަނގު އެފްރިކާ އިން އަޅުން ގަނެގެން އަލަށް ހޯދުނު އެމެރިކާގެ ބައްރަށް ގެންގޮސް އުޅުނުއިރު، އަޅުން ގަންނަނީ ބޮއްޔަށެވެ. އަޅުންގެ ވިޔަފާރި މީލާދީން 18 ވަނަ ޤަރުނުގައި ހުއްޓާލުމާ އެކު، ބޮއްޔަށް އޮތް ޑިމާންޑް ކުޑަވެގެންދިޔަ އެވެ. އަދި ކުރިން ފައިސާގެ ގޮތުގައި ބޮލި ބޭނުންކޮށް އުޅުނު ޤައުމުތަކުގައި، މަޢުދަނުން ފައިސާ ޖަހަން ފެށުމުން ވެސް ބޮލީގެ ބޭނުން ކުޑަވެގެން ދިޔަ އެވެ. ފައިސާގެ ގޮތުގައި ދިވެހިރާއްޖެ އާއި އެހެން ޤައުމުތަކުގައި، ބޮލި ބޭނުންކުރުން ނިމުމަކަށް އައީ، މީލާދީން 19 ވަނަ ޤަރުނުގައި ކަމަށް ބެލެވެ އެވެ. އެހާތަނާ ޖެހެންދެން، ބޮއްޔާ އެކުގައި، ރާއްޖޭގައި އެހެނިހެން ފައިސާ ވެސް ބޭނުންކުރަމުންދިޔަ އެވެ.

ފައިސާގެ ގޮތުގައި ބޮލި ބޭނުންކުރި ޒަމާނަށް ފަހު، ދެން އައީ ދިގު ލާރީގެ ޒަމާނެވެ. “ލާރި” މިލަފުޒު އައިސްފައިވަނީ، ލާރި އެންމެ ފުރަތަމަ އުފެއްދި، ފާރިސްކަރައިގެ ރަށް ކަމުގައިވާ “ލާރް”ގެ ނަމުންނެވެ. ރާއްޖޭގައި ދިގު ލާރި ޖަހައިފައިވަނީ ރިހިންނެވެ. މިއީ ބޮލުގައި ޖަހާ ދައްޗެއްގެ ސިފައިގައި، ލަނބާލާފައި އޮންނަ ފަލަ ރިހި ނަރުކޮޅެކެވެ. މީގައި ރަދުންގެ ތައްގަނޑެއް ޖަހާފައި ހުރެ އެވެ. މީލާދީން 17 ވަނަ ޤަރުނުގައި ރާއްޖެ އައި ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑްގެ ލިޔުމުން އެނގޭ ގޮތުގައި، އައްސުލްޠާން އިބްރާހީމް 3 ވަނަ، ކަލާފާނުގެ ރަސްކަމުގައި ދިގުލާރި ޖެއްސެވި އެވެ. ނަމަވެސް މިކަން ފެށުނީ އެރަދުންގެ ބައްޕާފުޅު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ރަސްކަމުގައި (1573- 1585) ކަމަށް ވެސް ވެދާނެ އެވެ. ދެކުނު އޭޝިއާ ސަރަޙައްދުގެ އެހެން ޤައުމުތައް ފަދައިން، ދިވެހިރާއްޖޭގައި ވެސް ފައިސާގެ ގޮތުގައި ބޭނުންކުރުމަށް މަޢުދަނުން އެންމެ ފުރަތަމަ އުފެއްދީ “ދިގު ލާރި” އެވެ. ކަލާފާނުގެ ރަސްކަމުގައި ދިގު ލާރި ޖެއްސެވީ ސާފު ރިހީންނެވެ. ލާރިއެއްގެ ދިގުމިނަކީ ގާތްގަނޑަކަށް ހަތަރު އިންޗި އެވެ. ބަރުދަނަކީ ގާތްގަނޑަކަށް 69.5 ގްރޭނުން 71.5 ގްރޭންއާ ދެމެދުގެ ބަރުމިނެކެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު (1648- 1687) ގެ ރަސްކަމާ ހަމައަށް ރާއްޖޭގައި ދިގު ލާރި ގެންގުޅުނެވެ. ސޯޅަ ވަނަ ޤަރުނުގެ ތެރޭގައި ދިގުލާރިއެއްގެ އަގަކީ، 5.5 ދިގުލާރި = ސްޕެނިޝް ޑޮލަރެއް ނުވަތަ “ޕީސް އޮފް އެއިޓް” ގެ އަގެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވަށް ލާރި ޖެއްސެވީ، 1664- 1665 ވަނަ އަހަރު، އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 އެވެ. އެއިރުގެ ލާރި ވެސް ހުންނަނީ ރިހިންނެވެ. މި ލާރީގައި ޖައްސަވާފައިވާ ތައްގަނޑުގައި، “އައްސުލްޠާން އިސްކަންދަރު ބިމާއި ކަނޑުގެ ރަސްގެފާނު” މިފަދައިން ޢަރަބި ބަހުން ލިޔެފައިވެ އެވެ. އަދި އެރަދުން ޙައްޖުވެވަޑައިގަތުމަށް ފަހުގައި 1676 ވަނަ އަހަރު، ( 1086ހ) ޖެއްސެވި ވަށް ލާރީގެ ތައްގަނޑަށް “ޙާޖީ” އިތުރުކުރައްވާފައިވެ އެވެ. އިސްކަންދަރު ރަދުން ޙައްޖުގެ ފަރުޟު ފުރަތަމަ ފަހަރު އަދާކުރެއްވީ 1668 ވަނަ އަހަރު ( 1079ހ) އެވެ. ވަށް ލާރި ޖައްސަވަން ފެއްޓެވުމާ އެކު ދިގުލާރި ޖެއްސެވުން ނިމުމަކަށް އަ އެވެ.

އިސްކަންދަރު ރަސްގެފާނުގެ ފަހުން، ވަރަށް ގިނަ ރަސްރަސްކަލުން ވަށް ލާރި ޖައްސަވަފައިވެ އެވެ. ކުރީކޮޅުގައި ލާރި ޖައްސަވާފައި ވަނީ ރިހިންނެވެ. ނަމަވެސް ފަހުން، ލޮޔާއި، ޓިނާއި، ޒިންކު އެކުލެވިފައިވާ މަޢުދަނުން ލާރި ޖައްސަވާފައިވެ އެވެ. “ކުޑަލާރި” ނުވަތަ “ބައިލާރި”، ކިޔުނު ލާރިއެއް، ފުރަތަމަ ޖެއްސެވީ އައްސުލްޠާން މުޙައްމަދު ދެއްވަދޫ ރަސްގެފާނު، 1694 ވަނަ އަހަރު ( 1105ހ) އެވެ. މިއީ އާދައިގެ ލާރީގެ ދެބައިކުޅަ އެއްބައިގެ އަގެއް ހުރި، ރިއްސާއި ލޮއިން ޖެއްސެވި ލާރިއެކެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން، ދިޔަމިނގިލި ބަންޑާރައިންގެ ޒަމާނުގައި ޖައްސަވާފައިވާ ލާރިއެއްގައި، ބޭރުގެ ތައްގަނޑެއް އޮބިފައި ހުއްޓެވެ. ލާރީގެ ތައްގަނޑު މަތީގައި، ހަ މިލިމީޓަރުގެ ބޮޑުމިނުގައި ވަށްކޮށް “ޖާވާ” މިފަދައިން އޮބިފައިވެ އެވެ. އެހެންކަމާ އެކު، މިއީ ާދިވެހި ފައިސާ ޖާވާގައި ބޭނުންކުރެވުނު ކަމަށް ދައްކާ ދަލީލެކެވެ.

“ބޮޑުލާރި” ގެ ނަން ދީފައިވާ، ހަތަރު ލާރީގެ އަގު ހިމެނޭ ލާރިއެއް 1735 ވަނަ އަހަރު ( 1147ހ) ތެރޭގައި ފުރަތަމަ ޖެއްސެވީ، އައްސުލްޠާން އިބްރާހީމް އިސްކަންދަރު ،2 އެވެ. މީގެ ބަރުދަނަކީ 146.5 ގްރޭން އެވެ. އަދި، މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންގެ ރަސްކަމުގައި، ތިން ލާރީގެ އަގު ހިމެނޭ ފައިސާފޮއްޗެއް ޖެއްސެވިކަން ވެސް ފާހަގަކޮށްލެވެ އެވެ.

ދިވެހި ފައިސާގެ އެންމެ ރީތި މިސާލު ހުރީ އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްދީން 1 ގެ ރަސްކަމުގަ އެވެ. މޮހޮރީގެ ނަމުގައި، ސާފު ރަނުން ފައިސާއެއް ޖެއްސެވީ މި ރަދުންނެވެ. އެގޮތުން ހިޖުރީ ގޮތުން 1207 ގައި މިރަދުން ޖެއްސެވި ފައިސާގައި، ލިޔުމާއި ޑިޒައިން ހުރީ އެޒަމާނުގެ އިންޑިޔާގެ މޯގަލް ރަސްރަސްކަލުންގެ ފައިސާއާ އެއްގޮތަށް އެހައިމެ ރީތިކޮށް ފުރިހަމަ ކޮށްނެވެ. މޮހޮރީއެއްގެ ބަރުދަނަކީ 192.3 ގްރޭން އެވެ. މިއާ އެކުގައި ބައި މޮހޮރީއެއް ވެސް ޖެއްސެވި އެވެ. މި ފައިސާ ޖެއްސެވީ އެ ދުވަސްވަރު، ރާއްޖެ އަށް އުރުނު، ފަރަންސޭސީން އަތުލައިގަންފައިވާ، އިންޑިޔާ ނަވެއްގައި ހުރި ރަނުންނެވެ. މި ދެ މޮހޮރީ އިން އެއްވެސް ފައިސާއެއް ޢާއްމު ގޮތަކަށް ނުހިންގަވަ އެވެ. މުޅިން ވެސް ބޭނުންފުޅުކުރެއްވީ ގަނޑުވަރުތެރޭގެ އަންހެން ބޭފުޅުންނަށް ފަށްޓަރުބައިކޮޅާއި އެހެނިހެން ގަހަނާ ހެއްދެވުމަށެވެ.

އެންމެފަހުން ރާއްޖޭގައި ލާރި ޖެއްސެވީ އައްސުލްޠާން ޙާޖީ ޢިމާދުއްދީން 6 ވަނައިގެ ރަސްކަމުގަ އެވެ. މިހާތަނަށް ރާއްޖޭގައި ލާރި ޖައްސަވާފައި ވަނީ “ސިއްކަގެ” ކިޔާ ތަނެއްގައި، “ސިއްކަގެ ކަލޭގެފާނު”ގެ ބެއްލެވުމުގެ ދަށުގަ އެވެ. މިތަނުން އެންމެ ފަހުން މާލޭގައި ލާރި ޖެއްސެވީ ހިޖުރީ ގޮތުން 1320 ވަނަ އަހަރު އެވެ. ނަމަވެސް، މީލާދީން 1902 ވަނަ އަހަރުން ފެށިގެން ސަރުކާރުން ލާރި ޖެއްސެވީ، އިނގިރޭސިވިލާތުގެ ބާމިންގްހަމް މިންޓްގަ އެވެ.

އެންމެ ފުރަތަމަ ބޭރުގައި ޖަހާފައިވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި އެއް ލާރި އާއި ބޮޑު ލާރި އެވެ. މިރަދުންގެ ރަސްކަމުގައި ޖަހާފައިވާ ލާރި ނޫން އެހެން ހުރިހާ ލާރި ބެހެއްޓެވުން ސަރުކާރުން ހުއްޓަވާލެއްވީ، 1961 ވަނަ އަހަރުގެ ތެރޭގަ އެވެ. ޝަމްސުއްދީން ލާރި އުވާލެވުނީ، 1966 ވަނަ އަހަރު އެވެ.

ދިވެހިރާއްޖޭގައި ނޫޓު ގެންގުޅުމުގެ ތާރީޚަށް ބަލައިލާއިރު، ބޭރު ބައެއް ޤައުމުތަކުގެ ނޫޓު ރާއްޖޭގައި ގެންގުޅުނުކަން ފާހަގަކުރެވެ އެވެ. އެގޮތުން ހިޖުރީ ސަނަތުން 1361 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުން ފެށިގެން ހަ މަސްދުވަސް ވަންދެން އިންޑިޔާ ނޫޓާއި ސިލޯނު ނޫޓު ރާއްޖޭގައި ހިންގި އެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކެއް ޙައްލުކުރެއްވުމަށް އެޅުއްވި ފިޔަވަޅެކެވެ. އޭގެ ކުރިން ވެސް އިންޑިޔާގެ ނުވަތަ ސިލޯނުގެ ރިހި ރުފިޔާ ރާއްޖޭގައި ގެންގުޅުނެވެ.

ދިވެހިރާއްޖޭގެ އަމިއްލަ ނޫޓެއް ފުރަތަމަ ޖެހުނީ 24 ރަމަޟާން 1366 މިތާރީޚުގައި ދިވެހިރާއްޖޭގެ ނޫޓުގެ ބިލް ފާސްވުމުންނެވެ. އޭގައިވާ ގޮތުން އެއިރު ހުއްދަ ކުރެވުނީ 60 ލާރި، އެއް ރުފިޔާ، ދެ ރުފިޔާ، ފަސް ރުފިޔާ، 10 ރުފިޔާ މިއަގުތަކުގެ ނޫޓެވެ. ދިވެހިރާއްޖޭގެ ނޫޓު ޗާޕުކުރެވުނީ، އިނގިރޭސިވިލާތުގަ އެވެ.

ރާއްޖޭގެ ފައިސާ އަށް “ރުފިޔާ” ކިޔުނު ގޮތެއް ކަނޑައެޅިގެން އެނގޭކަށް ނެތެވެ. ބައެއް ބޭފުޅުން ލަފާކުރައްވާ ގޮތުގައި، މިރާއްޖޭގައި ވިޔަފާރިކޮށް އުޅުނު ވޯރާވ ިޔަފާރިވެރިން ގެންގުޅުނު “ރުޕިޔާ” މި ލަފްޒު ދިވެހިވެގެން ދިޔައިރު، އެހެން ދިވެހި ލަފުޒުތަކަށް ވެފައިވާ ފަދައިން، “ޕަވިޔަނި” “ފާފަ” ކަށް ބަދަލުވީ އެވެ. އެޒަމާނުގައި ގެންގުޅުނު ރުފިޔާއެއްގައި ލާރީގެ އިތުރަށް، ރުފިޔާއެއްގެ ސޯޅަ ބައިކުޅަ އެއްބައި ކަމަށްވާ “އަނާ” އެއްވެސް އެކުލެވިފައިވެ އެވެ. މިއީ އިންޑިޔާގައި ގެންގުޅުނު ސިއްކައެއް ކަމަށްވުމާ އެކު އެނގެނީ، އެޒަމާނުގައި އިންޑިޔާގެ ފައިސާ އަށް ދީފައިވާ ނަންތައް އެ ފައިސާއާ އެކު ރާއްޖެ އަށް ގެނެވިފައިވާ ކަމެވެ. އެ ޒަމާނުގައި ދިވެހި ރުފިޔާ އަކީ 120 ލާރި އެވެ. ކުރީގައި ރާއްޖޭގައި ފައިސާގެ ޢަދަދުގެ ގޮތުގައި ބޭނުންކޮށް އުޅުނު، ރުފިޔާ، އަނާ، ލާރި، މި ތިން ވައްތަރުގެ ތެރެއިން އަނާ ދޫކޮށްލާފައި، ހަމައެކަނި ރުފިޔާ އާއި ލާރި ބޭނުންކުރާ ގޮތަށް ވަޒީރުންގެ މަޖްލިސުން ފާސްވީ 26 ޖުމާދަލްއައްވަލް 1352 މި ދުވަހު އެވެ. އެއިރު ރުފިޔާއެއްގެ އަގަކީ 120 ލާރި އެވެ. ރުފިޔާގެ އަގު ތަފާތުވެ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ރުފިޔާއެއްގެ އަގަކީ 100 ލާރި ކަމަށް ހަމަޖެހުނީ، 10 ޝަޢުބާން 1367 މި ތާރީޚުގައި ރައްޔިތުންގެ ޚާއްޞަ މަޖްލިސުން ފާސްކުރެއްވި، ބިލް ނަމްބަރު 67/ 4 އިންނެވެ.

އެންމެ ފުރަތަމަ ރަސްމީ ގޮތެއްގައި ރާއްޖެގެ ފައިސާ ބޭރުގެ ފައިސާއާ އަގު ހަމަކުރެއްވީ، ޖަނަވަރީ ،10 1965 ) 17 ރަމަޟާން 1384( މި ދުވަހު ވުޒާރަތުލްމާލިއްޔާ އިން ނެރުއްވި އިޢުލާނަކުންނެވެ. އޭގައިވާ ގޮތުން:

ސިލޯނު އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ. އިންޑިޔާގެ އެއް ރުފިޔާއަކީ ދިވެހި އެއް ރުފިޔާ އެވެ. އެމެރިކާ އެއް ޑޮލަރަކީ ދިވެހި 4.79 ރުފިޔާ އެވެ. ސްޓާލިންގް ޕައުންޑަކީ ދިވެހި 13.33 ރުފިޔާ އެވެ.

މިގޮތަށް ހަމަޖެހުނީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަވަސް ދުވެއްޔެއްގައި އަންނަމުންދިޔަ ދުވަސްވަރެއްގަ އެވެ. ރާއްޖޭގައި ޓޫރިޒަމް ފެށިގެން ހިނގައިގަތް ދުވަސްވަރެވެ. ވުމާ އެކު، އެއީ އުޞޫލެއްގެ ގޮތުން މިކަހަލަ ގޮތެއް ހަމަޖެހިފައި އޮންނަން ކޮންމެހެން ބޭނުންވެފައިވާ ދަނޑިވަޅެކެވެ.

ނޯޓް: މައުލޫމާތު ހޯދާފައިވަނީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ލިޔުނު “ޒަމާނުގެ ތެރެއިން ދިވެހި ފައިސާ” މިލިޔުމުންނާއި، އެޗް.ސީ.ޕީ. ބެލްގެ “މޮނޮގްރާފް” އާއި، ޓިމް ބްރައުޑަރު ލިޔުއްވި “މޯލްޑިވް އައިލަންޑްސް މަނީ” މި ފޮތްތަކުންނެވެ.

(Source: haveeru.com.mv)

އިހުގެ ވާހަކަތަކުގެ ތެރެއިން އޮޑިތާން ކަލޭގެ

ނަސީމާ މުހައްމަދު
14 ޖެނުއަރީ 2012

އިހުގައި ޓީވީ އާއި ރޭޑިއޯ ވެސް ރާއްޖޭގައި ނުހުންނަ އިރު، ފޫހިފިލުވުމުގެ ގޮތުން ކުރެވޭ އެއް ކަމަކީ ވާހަކަ ކިޔުއްވުމެވެ. ޚިތާނުކޮށްގެން އުޅޭއިރު އާއި އަދި އެހެނިހެން ގޮތުން ވެސް ދުވަސް ކުރުކޮށްލަން ބޭނުންވެގެން، ނުވަތަ ފޫހިފިލުވާލުމަށްޓަކައި، ޝައުޤުވެރިވާ ކަހަލަ ވާހަކަ ކިޔާ މީހުން ގެނެސްގެން، ވާހަކަ ކިޔުއްވުމަކީ އިހުގައި ޢާއްމު ކަމެކެވެ. މިހެން ކިޔައިއުޅުނު ފޯކްލޯގެ ވާހަކަތަކުގެ ތެރެއިން، “އޮޑިތާން ކަލޭގެ” ގެ ވާހަކަތައް އިހުގައި ގިނައިން ކިޔައިއުޅުނެވެ. މީނާއާ ގުޅޭ އެތައް ވާހަކައެއް ހުރެ އެވެ. މޮޅަށް ވާހަކަކިޔާ މީހުން ގޭގެއަށް ގެންގޮސްގެން ވާހަކަ ކިޔުއްވާ އުޅުނު އިރު، އޮޑިތާން ކަލޭގެއާ ބެހޭ ވާހަކަތަކަށް ޝައުޤުވެރިކަމާ އެކު މީހުން އަޑުއަހައިއުޅުނެވެ. މި ލިޔުމުގައި މީގެ ތެރެއިން ދެތިން ވާހަކައެއް އަޅުގަނޑު ހިމަނާލަމެވެ. މިފަދަ ކޮންމެ ވާހަކައެއްގެ ވެސް އޭގެ ތަފާތު ވާޝަންތައް ހުރެ އެވެ. އެކި ގޮތްގޮތަށް ރާއްޖޭގެ އެކި ހިސާބުގައި ކިޔައިއުޅުނު ވާހަކަ އެވެ. މިލިޔުމުގައި މިވަނީ، މަރުޙޫމް ޙަސަން އަޙްމަދު މަނިކު ލިޔުއްވި، ވަނަވަރު 1 “ދެވި” މި ފޮތުން ނަގާފައިވާ މަޢުލޫމާތެވެ.

ފުރަތަމަ ވާހަކައިގައި ބުނާ ގޮތުގައި އޮޑިތާން ކަލޭގެ އަކީ، ވަރަށް ރަނގަޅު ޢިލްމުވެރި މީހެކެވެ. މީނާ ދިރިއުޅުނީ ހައްދުންމަތީގެ ޖަޒީރާއެއްގަ އެވެ. އިނދެގެން އުޅުނީ ވަރަށް ރީތި އަންހެންކާ އެވެ. ނަމަވެސް އޮޑިތާން ކަލޭގެއަށް ނޭނގި، މީނާގެ އަންހެނުން ވަރަށް ނުބައި ކަންތައްތައް ކޮށްއުޅުނެވެ. އެއްދުވަހަކު އޮޑިތާން ކަލޭގެ ގާތުގައި މީހަކު މިވާހަކަތައް ކިޔައިދީފި އެވެ. ނަމަވެސް އޭނާ މި ވާހަކަތައް ޤަބޫލެއް ނުކުރި އެވެ. އޮޑިތާން ކަލޭގެ ގާތުގައި މި ވާހަކަތައް ކިޔައިދިނީ ފަންޑިތަވެރިކަމަށް އަރައިހުރި މީހެކެވެ. އޭނާ އޮޑިތާން ކަލޭގެއަށް ނަސޭހަތްދިނީ، ކަޅުފޮއި ރެޔަކު، ހޭލާ ހުރެގެން އޭނާގެ އަންހެނުން ކުރާ ކަންތައްތައް ބެލުމަށް އެދުނެވެ. އޮޑިތާން ކަލޭގެ ކަންތައް ކުރީ އޭނާގެ ރަޙްމަތްތެރިޔާ ބުނި ގޮތަށެވެ.

އެރޭ މީހުން ނިދާހާއިރު ވުމުން އޮޑިތާންކަލޭގެ އަންހެނުން ސިއްރުސިއްރުން ގެއިން ނިކުމެއްޖެ އެވެ. އޮޑިތާން ކަލޭގެ ވެސް ސިއްރުން އޭނާގެ ފަހަތުން ދިޔަ އެވެ. އަންހެންމީހާ ދިޔައީ، ރަށުން ބޭރަށް ނިކުމެފައި އޮންނަ ތުނޑިއަކަށެވެ. އެ ތާނގައި އޭނާ ފަންޑިތައިގެ ގޮވެލިފައްޗެއް ގޮވަމުން ނަށަން ފަށައިފި އެވެ. މިގޮތަށް މިކަންތައް ކުރަން ފެށުމާ އެކު، މީނާ އިސްކޮޅުން ދިގުވާން ފަށައިފި އެވެ. ދިގުވަމުން ދިގުވަމުން ގޮސް، މީނާގެ ބޯ، ވިލާތަކުގައި ޖެހިއްޖެ އެވެ. ދެން މީނާ އެ ހިސާބުގައި ހުރި، މީހުންއުޅޭ އެހެން ރަށްރަށާ ދިމާއަށް ގުދުވެގެން، އެރަށްރަށުން މީހުން މަރައި ލޭބޯން ފަށައިފި އެވެ. އޮޑިތާން ކަލޭގެ އަވަހަށް އަލިފާންގަނޑެއް ރޯކޮށްފައި، އޭނާގެ އަންހެނުންގެ ފައިދޮށަށް އަނގުރުތައް އުކަން ފެށި އެވެ. ހަމަ ކުއްލިއަކަށް އެ ނުލަފާ އަންހެންމީހާ އޭނާގެ އާދައިގެ އިސްކޮޅަށް ކުޑަވެއްޖެ އެވެ. އަދި އޮޑިތާން ކަލޭގެއާ ދިމާއަށް ގަދައަށް ރުޅިއައިސްފައި ބަލައިލި އެވެ. އޮޑިތާން ކަލޭގެ ދުނިޔެއިން ނައްތައިލުމަށްޓަކައި، އޭނާގެ އަންހެނުން ފަންޑިތައިގެ ގޮވެލިތަކެއް ކިޔަން ފަށައިފި އެވެ. އޮޑިތާން ކަލޭގެއަކީ ވެސް ފަންޑިތައިގެ ބޭކަލެއް ކަމަށް ވާތީ، އޭނާވެސް އެ ކަންތަކުން ރައްކާތެރިވާން ފަންޑިތައެއްގެ އެހީ ހޯދުމަށް ކިޔަވަން ފަށައިފި އެވެ. ނަމަވެސް އޭނާގެ އަންހެނުން، އޭނާއަށް ވުރެ ފަންޑިތައަށް މާ މޮޅެވެ.

މިކަން އެނގިގެން އޮޑިތާން ކަލޭގެ ދުއްވައިގަތީ އޭނާގެ ގެއަށެވެ. ނަމަވެސް މިގޮތުން އޭނާއަކަށް ސަލާމަތެއް ނުވެވުނެވެ. އޭނާ ދެން ދުވުނީ ދޯންޏަކާ ދިމާއަށެވެ. ނަމަވެސް އެގޮތުން ވެސް ސަލާމަތެއް ނުވެވުނެވެ. އޭނާގެ ނުލަފާ އަންހެނުން ގެ އާއި ދޯނީގައި އަލިފާން ރޯކޮށްލައިފި އެވެ. އެރަށުން ފުރައިގެންދެވޭނެ މަގެއް ހޯދަން އޮޑިތާން ކަލޭގެ ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. އެއްވެސް މަގެއް ނުފެނުނެވެ. އެންމެ ފަހުން އޭނާއަށް ފެނުނީ ކަޅުހިލަ ދައެކެވެ. އޭނާގެ ފަންޑިތަވެރިކަމުން މި ކަޅުހިލަދައި ފެންމަތީގައި އޮންނާނެ ގޮތް ހަދައިފި އެވެ. ދެން، ދޮންދޫންޏެއްގެ ފިޔަ ހޯދައިގެން އެ ފިޔަ ރިޔަލަކަށް ބޭނުން ކޮށްގެން، ކަލުހިލަދައި މަތީގައި އޭނާ ފުރައިފި އެވެ. މިތަން އޭނާގެ އަންހެނުންނަށް ފެނުމާ އެކު، އޭނާގެ ހުރިއްޔާ ހުރި ފަންޑިތަވެރިކަމެއްގެ ބާރު އެއްކޮށްފައި، ފިސާރި ބޮޑު ތިން ރާޅު އޭނާގެ ފިރިކަލޭގެ ފަހަތުން ފޮނުވާލި އެވެ. އޮޑިތާން ކަލޭގެ އޭނާގެ ކަޅު ހިލަ ދައިގައި ވަރަށް ބާރަށް ދަތުރުކޮށް ކުރިމަތީން ރަށެއް ފެނުމުން އެ ރަށާއި ދިމާލަށް މިޞްރާބު ޖެއްސެވެ. އެރަށުގެ ތޮށިގަނޑު މައްޗަށް އެ ތިން ރާޅު ބިންދާލީ، އޮޑިތާން ކަލޭގެއަށް ހަމަ ކިރިޔާ ރަށުގެ ގޮނޑުދޮށަށް ކަޅުހިލަ ދައި ބީއްސާލެވުނު ތަނާ އެވެ. އޭނާއަށް ސަލާމަތް ވެވުނީ އެވެ.

އޮޑިތާން ކަލޭގެ އޭނާގެ ކަޅުހިލަ ދައި ބީއްސާލީ، ހައްދުންމަތީގައި އޮންނަ، ގޮލާކަން ކިޔާ ހިސާބަށެވެ. މިއަދާ ހަމައަށް ވެސް އެއީ ބޮޑެތި ރާޅުޖަހާ ހިސާބެކެވެ. އަދި މިރާޅުތައް އަންނަނީ ވެސް ތިން ރާޅުގެ ބައިބައަށް ކަމަށް ބުނެވެ އެވެ. ބުނެވޭ ގޮތުގައި، މިތާނގައި އަބަދުވެސް ތިން ރާޅު އުފެދި، ތިން ރާޅު ބިންދާލާނެ އެވެ.

ދިވެހިރާއްޖޭގެ އުތުރުގެ ރަށްރަށުގައި އޮޑިތާން ކަލޭގެ އެހެން ވާހަކައެއް ވެސް ކިޔައި އުޅެ އެވެ. މިވާހަކައިގައި ބުނާ ގޮތުގައި، އެއްފަހަރަކު އޮޑިތާން ކަލޭގެއަށް ކޮޅުނބަށް ދާން ދަޢުވަތެއް ލިބުނެވެ. މީނާއަށް އެ ރަށަށް ދިޔުމަށް އަންގަނީ، ކޮޅުނބުގައި މާ ގިނައިން މީހުން މަރުވާތީ އެވެ. އޮޑިތާން ކަލޭގެއަށް ކޮޅުނބުގެ ބަނދަރުމަތީން، މިކަންތައް ކުރަމުންގެންދިޔަ ފުރޭތަ ފެނިއްޖެ އެވެ. މި ފުރޭތަ ފެނުމާ އެކު، މީނާގެ މަސްދަތް ފިޔޮހިން ފުރޭތަ މަރާލައިފި އެވެ. ދެން މިއޮޑިތާން ކަލޭގެ އެރަށުން އެއްގަމަށް ތަންކޮޅަކަށް ހިނގާލިތަނާ، އަންހެނަކާ ދިމާވި އެވެ. މި އަންހެންމީހާއަށް ފަންޑިތަ ހަދައިގެން މިކަލޭގެއާ އިންނަން އެ އަންހެނާ ޤަބޫލުވެއްޖެ އެވެ. އެ ދެމަފިރިންނަށް ކުއްޖަކު ލިބިއްޖެ އެވެ. ކޮންމެ ރެޔަކު އެ ދަރިފުޅު އޮޑިތާން ކަލޭގެ ގާތުގައި ބަހައްޓާފައި، އޭނާގެ އަންހެނުން ބޭރަށް ދިޔުމަކީ އާދައަކަށް ވެއްޖެ އެވެ.

މިކަމާ މެދު އޮޑިތާން ކަލޭގެ ގެ ހިތުގައި ޝައްކެއް އުފެދިއްޖެ އެވެ. އެހެންކަމާ އެކު، އެއް ރެޔަކު އޭނާގެ އަންހެނުން ދާތަނެއް ބަލަން ސިއްރުން ފަހަތުން ހިނގައްޖެ އެވެ. އޭނާ ސިއްރުން ބަލަން ހުއްޓައި، އަންހެނުން ގޮސް ކޯރުގެ އައްސޭރިފަށް ކޮނެގެން ކަޅުހިލަ ދައެއް ނަގައިފި އެވެ. އެއަށް ފަހު، މި ދައިގައި ރިޔަލެއްހެން ފަތެއް ޖަހައިލައިގެން ކޯރުގެ އަނެއް ފަރާތަށް އެ ކަޅުހިލަ ދައި ދުއްވާފައި އެއަންހެނާ ހިނގައްޖެ އެވެ. އިރުކޮޅަކަށް ފަހު އޭނާ އެނބުރި އައިސް އެއްކަލަ ދައި އަނެއްކާވެސް ކޯރުގެ އައްސޭރިފަށުގައި ވަޅުލައިފި އެވެ. މި ކަންތައްތައް ބަލަން ހުރި އޮޑިތާން ކަލޭގެއަށް މިއީ އާދައިގެ އިންސާނެއް ނޫންކަން އެނގިއްޖެ އެވެ. އޭނާ ހަމަ އެވަގުތު ގަސްދުކުރީ އަންހެނުން ދޫކޮށްލާފައި ދިވެހިރާއްޖެ އަށް އެނބުރި އަންނާށެވެ. މި ގޮތަށް ނިންމާފައި އަންހެނުންނަށް ސިއްރުން، ކޯރުގެ އައްސޭރިފަށަށް ގޮސް، އެއްކަލަ ކަޅުހިލަ ދައި ނަގައިގެން، ރިޔަލަކަށް ފަތެއް ޖަހާލައިގެން، މީނާ ފުރައިފި އެވެ.

ކަޅުހިލަ ދައި މަތީގައި ދަތުރުކޮށްފައި ރަށަކަށް އާދެވުނީ ރޭގަނޑު އެވެ. ކަޅުހިލަ ދައި ބީއްސާލިތާ ކައިރީގައި ބިންބި ހައްދާފައިވާ ދަނޑެއް އޮތެވެ. އޮޑިތާން ކަލޭގެ އަވަހަށް ފައިބައިގެން ގޮސް، ބިންބި ދަނޑުގެ މެދުގައި ކަޅުހިލަ ދައި ވަޅުލައިފި އެވެ. ދެން އޭނާ އެތާ ކައިރީގައި އޮތް ނިޔަރަށް (ވިލެޖަށް) ގޮސް، އެރަށުގެ މީހުން ގާތުގައި އެ ބިންބި ދަނޑަކީ އޭނާގެ ބައްޕަގެ ދަނޑު ކަމަށް ބުނެފި އެވެ. މި ކަމުގެ ހެއްކެއްގެ ގޮތުން އޭނާ ބުނީ، ބައްޕަގެ ކަޅުހިލަ ދައި އޮންނާނީ އެދަނޑުގައި ވަޅުލާފައި ކަމަށެވެ. އެމީހުން އޭނާގެ ވާހަކަތައް ޤަބޫލުކޮށް އެ ދަނޑު އޭނާ އަށް ދީފި އެވެ.

އޮޑިތާން ކަލޭގެއާ ބެހޭ ގޮތުން އަދި އެއް ވާހަކަ ދަންނަވާލާނަމެވެ. މި ވާހަކައިގައި ވެސް ބުނަނީ، އޮޑިތާން ކަލޭގެ އަކީ ޢިލްމު ލިބިފައި ހުރި ފަންޑިތަވެރިއެއް ކަމަށެވެ. މި ވާހަކައިގައި ބުނާ ގޮތުގައި، އެއްފަހަރަކު ކިނޮޅަހުގެ ގޮނޑުދޮށަށް ފުރޭތައެއް ލައްވި އެވެ. ލައްވި ތަނަކީ މައި މިސްކިތް ހުންނަ މަގުގެ ކޮޅެވެ. މިސްކިތު މުދިމަށް މިއެތި ފެނުނީ ލަކުޑިބުރިއެއްގެ ސިފައިގަ އެވެ. މިހެންކަމުން، އޭނާ އެ ލަކުޑިބުރި ގެޔަށް ގެންދިޔަ އެވެ. އޭގެ ތަންކޮޅެއް ފަހުން އައި އީދު ދުވަހު، އެއްކަލަ ފުރޭތަ ސިފަ ބަދަލުކޮށްލާފައި އންސާނެއްގެ ސިފައިގައި އަތުވެއްޖެ އެވެ. މި ފުރޭތަ އައިސް ހުރީ ކަތީބުގެ ގޭ ކައިރީގައި ސަލާންޖަހާށެވެ. ކަތީބުގެ ގެއަށް ވަނުމަށް އެ އެއްޗަށް ދަޢުވަތު ލިބުމުން ގޭތެރެއަށް ވަދެއްޖެ އެވެ. އަދި އޭނާއަކީ ކޮން ރަށެއްގެ މީހެއްތޯ އަހާލުމުން، ތަންކޮޅެއް ދުރުގައި އޮތް ރަށެއްގެ މީހެއް ކަމަށާއި، ކިނޮޅަހަށް އައީ އެދުވަހު ކަމަށް ބުންޏެވެ. އަދި ބޭނުމީ ވެސް އެރަށުގައި ހުންނަން ކަމަށް ބުންޏެވެ. ކަތީބަށް މިއީ މާ ރަނގަޅު މީހެއް ކަމަށް ހީވެގެން އެގޭގައި ހުންނާށާއި، އޭނާގެ އަންހެންދަރިފުޅާ އިންނާށޭ ވެސް ބުންޏެވެ. އެހެންކަމުން މިކަން ވެސް ހަމަޖެހި ނިމިއްޖެ އެވެ.

މިކަން މިހެން ހިނގުމަށް ފަހުގައި، އެރަށުގެ މީހުން މާ ގިނައިން މަރުވާން ފަށައިފި އެވެ. ކޮންމެ ރެއަކު ކަތީބުގެ އަންހެން ދަރިފުޅު އޮށޯވެ ނިދުމަށް ފަހުގައި، އޭނާގެ ފިރި ފުރޭތަ ގޮސް ޤަބުރުސްތާނަށް ވަދެ، ވަޅުލާ ފައިތިބި މީހުން ކޮނެ ނަގައިގެން އެމީހުންގެ މޭކާލާފައި ކަފުން ފޮތި ހިފައިގެން ގެއަށް އަންނަނީ އެވެ. ކޮންމެއަކަސް، ކިނޮޅަހުގެ މީހުން ކަންބޮޑުވެގެން، މާލެއިން ފަންޑިތަހަދާ ރަނގަޅު މީހެއް ގެންނަން ހިނގައްޖެ އެވެ.

އެމީހުން މާލެ އަށް ގޮސް، މީހުންކުރެން އަހައިގެން، ކެޔޮގޭގައި ހުންނަ އޮޑިތާން ކަލޭގެ ކިޔާ ވަރަށް މޮޅު ފަންޑިތަވެރިޔެއް ރަށަށް ގެނަ އެވެ. ކިނޮޅަހަށް ދިޔުމުން އެރަށަށް އެކަކު ވެސް ނުފައިބާ، މިރިހި ގޮފިކޮޅެއް ގެނެސްދޭން ބުންޏެވެ. ދެން މީނަ އެއަށް ފަންޑިތައެއް ހަދައިފައި ގޮނޑުދޮށުގައި އެގޮފިކޮޅު އިންދައިފި އެވެ. ދެން ދޯނިން މީހުން ފޭބުމަށް ހުއްދަ ދީފި އެވެ. އެރޭ، ރަށުގެ މަތީގައި ވައްތަރެއްގެ އައްޔެއް ފެތުރިފައިވާތަން އޮޑިތާން ކަލޭގެ ރަށު މީހުނަށް ދައްކާލި އެވެ. އަދި އެއީ އެ ރަށުގައި ފުރޭތައެއް އުޅޭތީ ފެންނަ ގޮތް ކަމަށް އޭނާ ބުންޏެވެ. އޮޑިތާން ކަލޭގެ ރަށަށް ފައިބައިގެން، ކަތީބުގެ ގެއަށް ދާއިރަށް، ވަލު ދޮރޯށީން ފުރޭތެ ނިކުމެގެން ހިނގައްޖެ އެވެ. އަދި ރަށު އެންމެން އެއްކުރަން ސަންގު ފުމުމުން، އެންމެން އައިއިރު، ކަތީބުގެ ދަނބިދަރިއެއް ނާދެ އެވެ. އެންމެންވެގެން އޭނާ ހޯދިއިރު، އޮތީ ވީރާނަވެ އިންދިރާސް ވެފައިވާ މިސްކިތަކަށް ވަދެ ފިލަ އެވެ. އޭނާ ހޯދައިގެން އޮޑިތާން ކަލޭގެ ކުރިމައްޗަށް ގެނައުމުން، އޮޑިތާން ކަލޭގެ ކިޔަވާފައި ބިންމައްޗަށް ކަޑައެއް ޖެހި އެވެ. މިހެން ހެދީ އެ ފުރޭތައަށް އެއްވެސް ކަމެއް ނުކުރެވޭނެ ގޮތް ހެދުމަށެވެ. ދެން ފުރޭތައާ ސުވާލުކޮށްގެން އޭތި އެރަށަށް އައި ގޮތް، އޮޑިތާން ކަލޭގެ އޮޅުންފިލުވި އެވެ. އަދި ބަނޑުހައިވުމުން ރަށު މީހުން މަރައި އެމީހުން ކެއީކަމަށް ވެސް ފުރޭތަ ބުންޏެވެ.

ދެން އޮޑިތާން ކަލޭގެ، ފުރޭތައަށް އަމުރުކުރީ ކުޑަވާށެވެ. ފުރޭތަ ކުޑަވަމުން ގޮސް ކުޑަ ފަންޏެއްވަރު ވީމާ، އޮޑިތާން ކަލޭގެ އޭތި ނަގާ ފުޅިއަކަށްލައި އުނގުރި ޖަހައި ލާއަޅައި، ފުޅި ރަނގަޅަށް ސީލްކޮށްފައި ކަނޑު އަޑިޔަށް ފެއްތީ އެވެ. މި ފުޅި ފައްތަން އުޅެނިކޮށް ފުރޭތަ ގޮވާލިކަމަށް ވެއެވެ- “އަހަރެންގެ ބާރު ބެރިޔަންފަރުން ކިނޮޅަހަށް ފޯރާނެ އެވެ. ބެރިޔަންފަރުގައި ވަރަށް އާދަ އާއި ޚިލާފު ކަންތައްތައް ހިނގާނެ އެވެ.” ބުނެވޭ ގޮތުގައި ބެރިޔަންފަރުގައި ވަރަށް ފަހަކަށް އައިސް ވެސް އާދައާ ޚިލާފު ކަންތައްތައް ހިނގަ އެވެ.

ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތު ހޯދާފައިވަނީ ޙަސަން އަޙްމަދު މަނިކު ލިޔުއްވާފައިވާ “ދެވި” ވަނަވަރު 1”މި ފޮތުންނެވެ.

(Source: haveeru.com.mv)